25 Jun 2013, 19:14
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގައި ގަތަރުގެ އަންހެން ޓީމް އަތުން 1-0 ން ރާއްޖޭގެ ގައުމީ އަންހެން ޓީމް މޮޅުވެއްޖެ އެވެ.
މިދެ ޓީމް އެންމެ ފަހުން ބައްދަލު ކޮށްފައިވަނީ، ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. ބައިނަލްއަގްވާމީ އެކުވެރި ކަމުގެ އެ ފުޓްބޯޅަ މެޗުގައި ގަތަރު އަތުން ރާއްޖެ އެފަހަރު، ބަލިވީ 4-1 ލަނޑުންނެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 27 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޓީމަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ފަދުވާ ޒާހިރު އެވެ.
މުޅި މެޗުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅުނު ރާއްޖޭގެ ޓީމަށް، މެޗުގެ ފަހުހާފުގައި ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފަ އެވެ. އެގޮތުން، މެޗުގެ 73 ވަނަ މިނިޓުގައި ގަތަރުގެ އޭރިޔާގެ ބޭރުން ފާތިމަތު ޝާލިޔާ ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ރީތިހުރަހެއް، ގޯލް ކުރިމަތީގައި ހުރި ފާތިމަތު އަފްޒާއަށް ލިބުނު ނަމަވެސް އޭނާއަށް އެބޯޅަ ގޯލާ ދިމާއަށް ފޮނުވާ ލެވޭ ގޮތެއް ނުވި އެވެ. އަދި މެޗުގެ 81 ވަނަ މިނިޓުގައި ގަތަރުގެ ޕެނަލްޓީ އޭރިޔާ ބޭރުން، ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ފާތިމަތު ޝާލިޔާ ފޮނުވާލި ބާރު ބޯޅަ ގޮސް ލައްވައިލީ ގޯލްގެ ހުރަސް ދަނޑީގަ އެވެ.
މެޗަށްފަހު، ގަތަރުގެ ކޯޗު ޖަރުމަނުގެ މޮނިކާ ސްޓާބް ބުނީ، ރާއްޖޭ ޓީމާ ދެކޮޅަށް މިއަދު ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، މެޗުގައި އޭނާ ހިތްހަމަ ޖެހޭފަދަ ކުޅުމެއް ޓީމްގެ ފަރާތުން ފެނިގެން ދިޔަ ކަމަށެވެ. އަދި ޓީމަށް އޭނާގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، ހޫނުގެ ސަބަބުން ކުޅުންތެރިންގެ ބުންވަރަށް އަސަރު ކުރުން ކަމަށެވެ.
"ރާއްޖޭގެ ޓީމު ފެނިގެން ދިޔައީ ފިޒިކަލީ ގޮތުން ތަންކޮޅެއް ވަރުގަދަކޮށް. އަދި މިމެޗު ހީކުރިވަރަށްވުރެ އުނދަގޫކޮށް މިދިޔައީ،" ގަތަރުގެ ކޯޗު މޮނިކާ ބުންޏެވެ. "ފުރަތަމަ ހާފްގައި ހޫނުގެ ސަބަބުން ކުޅުންތެރިންގެ ބުންވަރަށް ވަރަށް ބޮޑަށް އަސަރު ކުރި، އެހެން ނަމަވެސް ފަހު ހާފްގައި ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ވެގެން ދިޔަ"
މޮނިކާ ބުނީ، އޭނާގެ ޓީމަކީ އަލަށް ފަށައިގަނެގެން ދަސްކުރަމުން އަންނަ، އުމުރުން ވަރަށް ޅަ ކުދިންކޮޅެއް ތިބި ޓީމެއް ކަމަށާއި، އަދި މިއަދުގެ މެޗުން ބަލިވި ނަމަވެސް، މިއަދުގެ މެޗްގެ ތަޖްރިބާއާ އެކު ކުރިއަށް އޮތް މެޗަށް ރަނގަޅަށް ތައްޔާރު ވާނޭ ކަމަށެވެ.
"ގަތަރު ޓީމުގައި ގިނައިން މި ތިބީ ގާތްގަނޑަކަށް އުމުރުން 14 އަހަރާއި 19 އަހަރާ ދެމެދުގެ ކުޅުންތެރިން. 25 އަހަރުގެ ދެ ކުޅުންތެރިއަކު ތިބީ. އަހަރެން އުންމީދު ކުރަނީ، މިއަދުގެ މެޗުން އިބްރަތް ލިބިގެން ކުރިއަށް އޮތް މެޗުގައި މިއަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނޭ ކަމަށް،" ގަތަރު ކޯޗު ބުންޏެވެ.
ގަތަރު ކޯޗު ފާހަގަ ކުރި ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ގަތަރު އަތުން 4-1 ން ބަލިވި ރާއްޖޭގެ ޓީމް މިހާރު ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފަ އެވެ. އަދި ރާއްޖޭ ޓީމުގެ 7 ނަންބަރު، ފަދުވާގެ ކުޅުން އޭނާ ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ.
ރާއްޖޭ ޓީމުގެ ކޯޗު، އަހްމަދު އާތިފް (އާތީ) ބުނީ، ކުރިން ގައުމީ އަންހެން ޓީމްގެ ކުޅުން ބޮޑަށް ބައްޓަން ވެފައިއޮތީ ޑިފެންސް ކުރުމަށް ކަމަށާއި އެހެން ކަމުން މިއަދުގެ މެޗުން އެއް ލަނޑުން މޮޅުވުމުންވެސް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މެޗަށް ތައްޔާރުވީ ގަތަރަކީ ފިޒިކަލީ ވަރުގަދަ ޓީމަކަށް ބަލައިގެން ކަމަށެވެ.
"އަޅުގަނޑުމެން މެޗަށް ތައްޔާރުވީ ގަތަރަކީ ފިޒިކަލީ ގޮތުން ވަރުގަދަ ޓީމަކަމަކަށް ބަލާފައި. އެގޮތުން އަޅުގަނޑު ބެލީ އެ ޓީމަށް ސްޕޭސް ނުދީ އަޅުގަނޑުމެންގެ ކުޅުންތެރިން ލައްވައި ކުޅުވަން،" އާތީ ބުންޏެވެ. "އަޅުގަނޑު ބެލީކީ ގިނަ ލަނޑުތަކެއް ޖަހާކަށް ނޫން. ބޭނުންވީ މޮޅުވާން،"
އާތީ ބުނީ ކުރިއަށް އޮތްތާނގައި ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ރަނގަޅު ތަމްރީނުތަކެއް ދެވިއްޖެ ނަމަ އެޓީމް ފެނިގެންދާނީ މިހާރު މިފެންނަ ލެވެލްގައި ނޫން ކަމަށާއި އަދި މިއަށްވުރެ މާ ވަރުގަދަ ޓީމެއްގެ ގޮތުގައި ރާއްޖޭގެ ޓީމް ފެންނާނޭ ކަމަށެވެ.
ރާއްޖެއާއި ގަތަރު ބައްދަލުކުރާ އެކުވެރިކަމުގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި ގަލޮޅު ދަނޑުގަ އެވެ.