ޕާކިސްތާންގެ ލާހޫރުގައި އޮންނަ 10 ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕުގައި ބައިވެރި ނުވާން ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިން ޓީމުން ނިންމައިފި އެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން މިއަދު ވިދާޅުވީ، ކުރިން މުބާރާތުގައި ބައިވެރިވާން ނިންމި ކަމުގައި ވިޔަސް، މިހާރު ނިންމާފައި ވަނީ މުބާރާތުގައި ބައިވެރި ނުވާން ކަމަށެވެ. އެއީ ރާއްޖޭގެ ޓީމަށް ވިސާ ނުލިބޭތީވެ ކަމަށާއި މުބާރާތް ބާއްވަން ހަމަޖެހިފައިވާ ޕާކިސްތާންގެ ހާލަތު މިދުވަސްވަރު ހުރި ގޮތައް ބަލާފައި ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާން ނިންމާފައި ވަނީ ހަތަރު ކެޓަގަރީން ފަސް ބޮޑީ ބިލްޑަރުންނެވެ. އެގޮތުން އެފަސް ބިލްޑަރުންނަކީ 55ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލީ މޫސާ އާއި 60ގެ ކެޓަގަރީގައި ވާދަކުރާ އިބްރާހިމް ޝާނީޒް އާއި 65ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ކަސްޓަމް ސާވިސްގެ އާދިލް މުހައްމަދާއި ހަމަ އެކެޓަގަރީން ވަދަކުރާ އަލީ ޝަރީފް އަދި 70ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކެވެ.