25 Jun 2013, 16:43
ޕޮލިސް ޔޫތް ޗެލެންޖް ކަޕްގައި ރޭ ކުޅުނު މެޗުތަކުން އެލްޓީ ސްޕޯޓްސް އާއި އެފްސީ ސްކޫލިއަން އެކްސް އާއި ވޭރު ސްޕޯޓްސް ކްލަބުގެ އިތުރުން ޓީމް ފެންސީ މޮޅު ވެއްޖެ އެވެ.
ރޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އެލްޓީ ސްޕޯޓްސް އާއި އެފްސީ ޒެނިތް އެވެ.
މި މެޗު 11-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެލްޓީ ސްޕޯޓްސްއެވެ. މިމެޗުގައި އެލްޓީ ސްޕޯޓްސް އިިން ކާމިޔާބުކުރި 11 ލަނޑުގެ ތެރެއިން 3 ލަނޑު ހަސަން ނޫރިޝް ޖަހައިދިންއިރު ސޯލިޙް ޝިޔާން އިސްމާއީލް އާއި އަހުމަދު ސަމާހު އާއި އިބްރާހިމް މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. އަދި އަހުމަދު ޝިޔާރު އާއި އަހުމަދު ފަޔާޒް ވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މި މެޗުގައި އެލްޓީ ސްޕޯޓްސް އަށް 3 ޖަހައިދިން ހަސަން ނޫރިޝް އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ޒީލް ސްޕޯޓްސް ކްލަބާ ވާދަކޮށް 3-1 ން މެޗު ކާމިޔާބުކޮށްފައި ވަނީ އެފްސީ ސްކޫލިއަން އެކްސް އެވެ. އެޓީމުން މި މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އިސްމާއީލް ނަސީމް ޖަހައިދިންއިރު އަހުމަދު ހުމާމް ވަނީ ލަނޑެއް ޖަހައިދީފަ އެވެ. މި މެޗުގައި ޒީލް ސްޕޯޓްސް ކްލަބުން ޖެހި ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ މުހައްމަދު ޝަހީމް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ އެފްސީ ސްކޫލިއަން އެކްސްގެ މުހައްމަދު އައްފާން އެވެ.
ތިން ވަނަ މެޗުގައި ނައިޓްސް އެފްސީ އާ ވާދަކޮށް ޓީމް ފެންސީ 10-1 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރިއިރު މި މެޗުގައި ޓީމް ފެންސީ އިން ޖެހި 10 ލަނޑުގެ ތެރެއިން 4 ލަނޑު ޖަހައިދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނު މުހައްމަދު ޔަފާއު އެވެ. މިމެޗުގައި ޓީމް ފެންސީ އަލީ ޝާފިއު 3 ލަނޑު ޖަހައިދީފައިވާއިރު މުޙައްމަދު ޒަހީ އާއި އާދަމް އިބްރާހިމް މަނިކު ގެ އިތުރުން އިބްރާހިމް އަޒްމީން ވަނީ ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާގެ ފަރަޤު ބޮޑުކޮށްފަ އެވެ. މިިމެޗުގައި ނައިޓްސް އެފްސީ އަށް ސުން ކަނޑުވާލަދިނީ ހުސައިން ސަމީން އެވެ.
މިމުބާރާތުގައި ރޭ ކުޅުނު ހަތަރު ވަނަ މެޗުގައި ވާދަކޮށްފައި ވަނީ ވޭރު ސްޕޯޓްސް ކުލަބާއި ވޭރު ޖޫނިއަރސް އެވެ. މިމެޗު 9-2 ން ކާމިޔާބުކޮށްފައިވަނީ ވޭރު ސްޕޯޓްސް ކުލަބެވެ. މިމެޗުގައި ވޭރު ސްޕޯޓްސް ކުލަބުން ޖެހި 9 ލަނޑުގެ ތެރެއިން 4 ލަނޑު އާދަމް ފަރުޙާން ޖަހައިދިންއިރު އަހުމަދު ވިޝާމް ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. އަދި ވޭރު ސްޕޯޓްސް ކުލަބުގެ މުޙައްމަދު އަނަސް އާއި ޢަލީ ޝާމް އާއި އަހުމަދު ހަމްދާން ހުސައިން، މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ލަނޑެއް ޖަހައިދީފަ އެވެ. މި މެޗު ވޭރު ޖޫނިއަރސް އިން ޖެހި ދެ ލަނޑު ޖަހައިދިފައިވަނީ އަލީ އަޝްރާޤް އާއި އިބްރާހިމް ޖަލީލް އެވެ. މިމެޗު މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މި މެޗުގައި ވޭރު ސްޕޯޓްސް ކުލަބަށް 4 ލަނޑު ޖަހައިދިން އާދަމް ފަރުހާން އެވެ.
މި މުބާރާތުގައި މިރޭވެސް 4 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މިރޭ 20:00 ގައި ވާދަކުރާނީ އެފްސީ ބެންކިއު އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މިރޭ 21:00 ގައި ކުޅޭ ދެވަނަ މެޗުގައި ކްލަބު ރިވަރ ސައިޑާއި ބީޗް ބޯއީސް ވާދާކުރާއިރު 22:00 ގައި ކުޅޭ ތިން ވަނަ މެޗުގައި ވާދަކުރާ ގްރޫޕް ސީގެ ޔޫއެން ފްރެންޑްސް އާއި ކްލަބު އަމީގޯސް އެވެ. އަދި މިރޭ 23:00 ގައި ކުޅޭ ހަތަރު ވަނަ މެޗުގައި ވާދަކުރާނީ ސްޕޯޓްސް ކުލަބު ރިވަލްސާ އާއި އެފް.އެސް.ސީ އެވެ.