ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ގެ އާ ކޯޗަކަށް ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ލޯރަން ބްލާންޗް ހަމަޖައްސައިފި ކަމަށް އެ ކްލަބުން ބުނެފި އެވެ.

ޕީއެސްޖީގެ ކޯޗް ކަމަށް، ވޯލްޑްކަޕް ވިނާ އުމުރުން 47 އަހަރުގެ ބްލަންޗް ހަމަޖައްސާފައި މިވަނީ، އެ ކްލަބްގެ ކުރީގެ ކޯޗް ކާލޯ އެންޗެލޮޓީ، ރެއާލް މެޑްރިޑްގެ ކޯޗްކަމާ ހަވާލުވުމަށް ޕީއެސްޖީއިން ވަކިވުމާ ގުޅިގެންނެވެ.

ޕީއެސްޖީގެ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ބްލަންޗްގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ، އެ ކްލަބްގެ އެންމެ ފަހުގެ ކާމިޔާބު ދެމެހެއްޓުމާއި އަދި ޔޫރަޕްގެ ވަރުގަދަ ޓީމަކަށް ޕީއެސްޖީ ހެދުން ކަމަށެވެ.

"ޕީއެސްޖީގެ ބޯޑުން ބްލަންޗްއާ ހަވާލުކޮށްފައިވާ މަސައްކަތަކީ، މި ކްލަބް މިދިޔަ ސީޒަންގައި ހޯދާފައިވާ ކާމިޔާބު ދިފާއު ކުރުމާއެކު، ކްލަބް އިތުރަށް ވަރުގަދަކޮށް ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުން ކާމިޔާބު ހޯދޭނޭ ފަދަ ކްލަބްކަށް މި ކްލަބް ހެދުން،" ޕީއެސްޖީގެ ސްޓޭޓްމަންޓްގައި ބުނެފައި ވެއެވެ.

ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގައި، ރޭމަންޑް ޑޮމިނިޗްގެ ކޯޗްކަމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ބައިބައިވުން އުފެދުނު ފްރާންސްގެ ގައުމީ ޓީމާ ހަވާލުވުމަށްފަހު ބްލަންޗް ވަނީ އެ ޓީމު ހަމަޔަކަށް އަޅުވާފަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ފްރާންސުން ދެއްކި ދައް ކުޅުމުގެ ސަބަބުން ކޯޗްކަމުން ވަކިވުމަށްފަހު މިހާތަނަށްވެސް ބްލަންޗް ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގަ އެވެ.

ބްލަންޗް ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ. ކުރިން ފްރާންސް ގައުމީ ޓީމަށާއި، ބާސެލޯނާ، އިންޓަމިލާން އަދި މެންޗެސްޓާ ޔުނައިޓެޑް ފަދަ ވަރުގަ ކްލަބް ތަކަށް ކުޅެފައިވާ ބްލަންޗްވަނީ މީގެ ކުރިން ބޯޑޯގެ ކޯޗުކަންވެސް ކޮށްފަ އެވެ.