އިންސާނީ ގަދަރާއި ކަރާމާތް ހިފެހެއްޓޭނެ ޑިމޮކްރަސީއެއް މީގެ 22 އަހަރު ކުރިން ރާއްޖޭގައި އޮތް ނަމަ ނޮވެމްބަރު ތިނެއްގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލަ ކުރިމަތިވުމަކީ ނާދިރުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ ވިދާޅުވެއްޖެ އެވެ.


ނަސްރުގެ ދުވަހާ ގުޅުވައިގެން ޒަކީ، ޓީވީ މެދުވެރިކޮށް މިއަދު ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ 1988ގެ ނޮވެމެބަރު ތިން ވަނަ ދުވަހަކީ ރާއްޖޭގެ އަސްކަރީ ވިސްނުން ބަދަލުކުރަން ޖެހުނު ދުވަހެއް ކަމަށާއި އޭރުގެ ވިސްނުމަކީ އަސްކަރިއްޔާ އިން ގޯހެއް ހަދާފާނެ ކަމުގެ ބޯދާ ވިސްނުމަށް ބަރޯސާވެ އަސްކަރީ އުސޫލުތަކާ ޚިލާފަށް ވެރިކަމުގެ ވިސްނުންތައް ގެންގުޅުން ކަމަށެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައަކީ އޭގެ ސަބަބުން ލިބިގަންނަން ޖެހުނު ހަމަލާއެއް ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެފަދަ ބޯދާ އަސްކަރީ ސަޤާފަތެއް އޮވެ އެ ޓެރަރިސްޓް ޙަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ފައުޖީން ކުރި ހިތްވަރު ގަދަ ހަނގުރާމައަކީ، ތާރީޚީ ހަނގުރާމައެއް ކަމަށާއި ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަހުމަދު ނާސިރު އަޑީގައި ތިބެގެން ރާވައި ސްރީ ލަންކާގެ ޓެރަރިސްޓުންތަކެއް ރާއްޖެ ގެނެސް ދިން އުދުވާނީ ހަމަލައިން ދިފާއުވުމަށް ދިވެހި ސިފައިން ދައްކައިދީފައި ވަނީ ލާމަސީލު މިސާލެއް ކަމަށެވެ.


"..ދުޝްމަނުންނާ ކުރިމަތިލާން ނުކުތް ފައުޖީންގެ ވަށައިގެން ވަޒަން ދަތުރުކުރަމުންދިޔަ އަޑު މިހާރު ވެސް ގުގުމާލާ ހުރި ކަހަލަ. އެ ބޭކަލުން އެ ނުކުންނެވީ މި ލޮބެތި ވަތަންގެ ހައްގުގައި، ދެވަނަ ވިސްނުމެއް ނެތް، ހަމައެކަނި އޮތީ އެންމެ ބޭނުމެއް. މި ގައުމު ދުޝްމަނުންގެ ކިބައިން ސަލާމަތް ކުރުމުގެ ޝައުގުވެރިކަމާއި ބޭނުމާއި އަޒުމް. ހަނގުރާ ފެށުނު ވަގުތު ކުޅަދާނަ، ޒުވާން އަލްމަރުހޫމް ކުޅުދުއްފުށީ ހުސެއިން އާދަމް ކުޅަ ހިތްވަރަކީ މި ފަސްގަނޑުން ދުވަހަކު ވެސް ފޮހެވިގެން، ދުވަހަކު ވެސް ފިލައިގެން ދާނެ ކަމެއް ނޫން. ޒުވާނާގެ ހަށިގަނޑަށް ދުޝްމަނުންގެ ވަޒަންތައް އަރަމުން ދިޔަ ވަގުތުގައި ވެސް އޭނާ ގަދައަޅައި މަސައްކަތް ކުރަމުން ގެންދިޔައީ ދުޝްމަނުންނަށް ރައްދު ދިނުމުގައި. ފަހު ނޭވާއާ ހަމައަށް ކުޅަ ހިތްވަރުގެ ހަގީގީ އަގު އަންދާޒާ ކުރެވޭނީ މި ޒަމާނުގެ އަސްކަރީ ތިލަފަތަކުން ކިރާލުމުން،" ޒަކީ ވިދާޅުވި އެވެ.


 


ޒަކީ ވިދާޅުވީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލަ ކުރިމަތިވިއިރާ ބަލާ އިރު، ދިވެހިން މިހާރު ވަނީ އެތައް ތަނެއް ފަހަނަޅައި އެތައް ކުރިއެރުމެއް ހޯދާފައި ކަމަށެވެ.