ނޫސްވެރިންނަށް އެކި ފަރާތްތަކުން ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


މިއަދުގެ ރޭޑިޔޯ ހިތޯބުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކިއެކި ސަބަބުތަކާ ހުރެ، އެކިއެކި ކަންކަމާ ރުޅިވެރިކަން ހާމަކުރުމަށް އަދި ނުރުހުން ހާމަކުރުމުގެ ގޮތުން، ނޫސްވެރިންނަށް އެކިއެކި ފަރާތްތަކުން ޙަމަލާ ދެމުން ގެންދާތީ، އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ބާވަތުގެ ކަންކަން ނުބަލައި މި ސަރުކާރުން ނުތިބޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ނޫސްވެރިންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ޢާންމު ޙާލަތު އަދި އިޖްތިމާޢީ ކަންކަން މާރާމާރީއާ ހިސާބަށް ގިނަވެފައި މިވަނީ އެއްދުވަހަކު ދެދުވަހަކު ކަންހިނގާދިޔަ ގޮތުގެ ސަބަބަކުން ނޫން ކަމުގައި ވިދާޅުވި އެވެ. މިކަމުގައި ސަރުކާރުން އެކަނި މަސައްކަތް ކޮށްގެން ފުރިހަމަ ކާމިޔާބީއެއް ނުހޯދޭނެ ކަމަށާއި، ކަމާގުޅޭ ހުރިހާ ފަރާތްތައް އެކުގައި މަސައްކަތް ކުރެވިއްޖެނަމަ، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަމަ އެއޮތް އޭގެ އެންމެ ރަނގަޅު އުޞޫލުގައި ހިފެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މިކަމަށް ރައްދުދެއްވައި، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވީ، ނޫސްވެރިންނަށް ދެމުން ގެންދާ ހަމަލާތަކަކީ ޑީއާރުޕީން ވެސް ކުށްވެރިކުރާ ކަމެއް ކަމަށާއި މި ސަރުކާރުން އެކަމާ މެދު ފިޔަވަޅު އެޅުން މާ ލަސްވެއްޖެ ކަމަށެވެ. އަދި މިހާތަނަށް ވެސް ސަރުކާރުގެ އިސް ފަރާތްތަކުން، ހާއްސަކޮށް ސަރުކާރަށް ފާޑުކިޔައި މީޑިޔާތަކާއެކު ގެންގުޅުއްވާފައި ވަނީ ވަރަށް ހަރުކަށި ސިޔާސަތެއް ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ. އަދި މިނިވަން މީޑިޔާއެއްގެ ދައުރުގެ އަގު ސަރުކާރުން ވަޒަންކޮށްފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން މުޖުތަމައުގައި މީޑިއާއަށް ދޭންޖެހޭ ހައްޤު އަގު ލިބިފައިނުވާ ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ. އަދި މި މައްސަލަ އަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި މި ދަނޑިވަޅުގައި މި މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ މިނިވަން، މުސްތަގިއްލު މީޑިޔާގެ ދައުރު ހަނިވެގެން ހިނގައިދާނެ ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ. އަދި ޑީއާރުޕީން އެ މައްސަލަ ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.