މި އަހަރު އުމްރާއަށް ދިޔުމަށް އެސްބީޓީ ހައްޖު ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން އުމްރާއަށް ދެވޭނެ ކަމުގެ އުންމީދު ނެތުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެސްބީޓީ ހައްޖު ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް އުމްރާއަށް ދެވޭނެ ކަމުގެ އުންމީދު ނެތުމުން ހުށަހަޅާފައިވާ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ސުވާލުކުރަން ޖެހޭ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެ މީހުންނާ ސުވާލުކުރަމުން އަންނަ ކަމަށެވެ.

އުމްރާ އަށް ދިޔުމަށް އެސްބީޓީ ޖަމާއަތަށް ފައިސާ ދެއްވި އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު ބުނީ އެ ސިޓީގެ 15 މީހަކު އުމްރާއަށް ދިޔުމަށް 35،000ރ. އެ ޖަމާއަތަށް ދައްކާފައިވާ ކަމަށާއި ނަމަވެސް އުމްރާއަށް ދެވޭނެ ކަމުގެ އުންމީދު މިހާރު ގެއްލިފައިވާ ކަމަށެވެ.

އޭނާ ބުނީ އެސްބީޓީގެ ވެރިޔާ އަބްދުﷲ ބާގިރު އަށް ގުޅާލުމުން ފޯނު ނުނަންގަވާ ކަމަށާއި އެހެންވެ އެ 15 މީހުން ހިތަދޫ ޕޮލިސްޓޭޝަނަށް ގޮސް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން 15 މީހުން ހިތަދޫ ޕޮލިސް ޓޭޝަނަށް ގޮސް ތަހުގީގަށް ބަޔާންދީފިން. ކޮންމެ މީހަކު 35،000ރ. އެސްބީޓީ އަށް ދައްކާފައިވާ އިރު އަޅުގަނޑުމެންނަކަށް މިހާރު އުންމީދެއް ނެތް އުމްރާއަށް ދެވޭނެކަމަށް،" އެމީހާ ބުންޏެވެ.

އެކަމާ ބެހޭ ގޮތުން އެސްބީޓީގެ ވެރިޔާ ބާގިރު ވިދާޅުވީ އުމްރާއަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން އުންމީދު ކަނޑާނުލުމަށް އެ ޖަމާއަތުން އިލްތިމާސް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އުމްރާ އަށް މީހުން ގެންދިޔުމުގެ މަސައްކަތް އެ ޖަމާއަތުން ގެންދަނީ ކުރަމުން ކަމަށާއި ފުލުހުންގެ އިދާރާ އަށް އޭނާ ހާޒިރުކުރުމުން ވެސް އެކަން ސާފުކޮށް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މައްކާ އަށް މީހުން ގެންދިޔުމަށްޓަކައި އެއާލައިންތަކާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"އެއާލައިންތަކާ އަޅުގަނޑުމެން މިގެންދަނީ ވާހަކަ ދައްކަމުން. ފުލުހުންނަށް އަޅުގަނޑު މައުލޫމާތު ދީފައިވާނެ އެ މަސައްކަތް ކުރިއަށްދާ ކަމަށް. އުންމީދު ކަނޑާލާކަށް ނުވޭ އިނގޭތޯ. އިރާދަކުރެއްވިއްޔާ އުމްރާއަށް ދެވޭނެ،" ބާގިރު ވިދާޅުވި އެވެ.

އެ ކުންފުނި މެދުވެރިކޮށް އުމްރާއަށް ދިޔުމަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކުން ވަނީ އުމްރާއަށް ދެވޭނެ ކަމުގެ އުންމީދެއް ނެތުމުން އެ މީހުން ދެއްކި ފައިސާ އަނބުރާ އަތުލާފަ އެެވެ.