25 Jun 2013, 16:18
ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗް ކަމަށް ފްރާންސްގެ ޕީއެސްޖީގެ ކުރީގެ ކޯޗް އިޓަލީގެ ކާލޯ އެންޗެލޮޓީ ހަމަޖައްސައިފި އެވެ.
ކާލޯ އެންޗެލޮޓީ މެޑްރިގެ ކޯޗް ކަމާ ހަވާލުވެފައި މިވަނީ، އެ ކުލަބުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ، އޭނާގެ ކުރީގެ ކްލަބް ޗެލްސީއަށް އެނބުރި ދިއުމާ ގުޅިގެންނެވެ.
ކުރިން އިޓަލީގެ ރެޖީނާ، ޕާމާ، ޔުވެންޓާސް، އޭސީ މިލާން އަދި އިނގިރޭސި ވިލާތުގެ ޗެލްސީގެ ކޯޗުކަން ވެސް ކޮށްފައިވާ، އުމުރުން 54 އަހަރުގެ އެންޗެލޮޓީ ރެއާލްގެ ކޯޗުކަމާ ހަވާލުވެފައި ވަނީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ނެވެ.
ރެއާލްގެ ވެބްސައިޓްގައި ބުނެފައިވަނީ، އެންޗެލޮޓީއަކީ އެ ކްލަބް ފުރިހަމައަށް ހިންގޭނޭ ފަދަ ގާބިލް އަދި ގޮންޖެހުންތަކާ ކުރިމަތި ލާނޭ ފުރިހަމަ ތަޖްރިބާ ހުރި މޮޅު ކޯޗެއް ކަމަށެވެ.
"މި ސީޒަންގައި މަދު ޓްރޮފީ ކޮޅެއް ލިބިފައިވީ ނަމަވެސް، ބައިނަލްއަގްވާމީ ފެންވަރުގެ ހުރިހާ ކާމިޔާބެއް އެންޗެލޮޓީ ވަނީ ހޯދާފައި. އެގޮތުން، ޗެމްޕިއަންސް ލީގު ދެފަހަރު، ޔޫރަޕިއަން ސްޕަ ކަޕް ދެފަހަރު، ވޯލްޑް ކަޕް އެއްފަހަރު އަދި ޔުއެފާ އިންޓަސްޓޭޓް ޓްރޮފީ އެއްފަހަރު ކާމިޔާބު ކޮށްފައިވޭ،" ރެއާލްގެ ވެބްސައިޓްގައި ލިޔެފައިވެ އެވެ. "ޔުވެންޓާސް، މިލާން، ޗެލްސީ އަދި ޕީއެސްޖީފަދަ ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބްތައް މެނޭޖް ކުރުމުގެ ތަޖްރިބާ ލިބިފައިވާ އިޓަލީ ކޯޗަށް މި ކްލަބާއެކު ފުރިހަމައަށް މަސައްކަތް ކުރެވޭނޭ ކަމުގެ ޔަގީންކަން ކުލަބަށް އެބައޮތް،"