25 Jun 2013, 15:22
ގައުމީ ޔުނިވަސީޓީގެ އައު ކެމްޕަހެއް ލ. ގަމުގައި އިއްޔެ ހުޅުވައިފި އެވެ.
ގައުމީ ޔުނިވަސިޓީން މިއަދު އާންމު ކުރި ބަޔާނެއްގައިި ބުނެފައި ވަނީ ލ. ގަމުގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަސް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިޔާތުގައި ލ. އަތޮޅު ކައުންސިލް މެންބަރުނާއި ގަމު ރަށު ކައުންސިލް މެންބަރުންގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަ ޑރ. މުހައްމަދު ޒާހިރު ހުސެއިންނާއި ވައިސް ޗާންސެލަ ހަސަން ހަމީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޔުނިވަސިޓީން ބުނީ އެ ކެމްޕަސް ވަގުތީ ގޮތުން ހިންގުމަށް ހަމަ ޖެހިފައިވާ މަތިމަރަދޫ ސުކޫލު ކުރިން ހިންގި އިމާރާތް ވަނީ ޔުނިވަސީޓީއާ އިއްޔެ ހަވާލުކޮށްފަވާ ކަމަށެވެ.
އެ ރަސްމިޔާތުގައި ގަމު ކައުންސިލްގެ ރައީސް ހުސެއިން މޫސާ ދެއްކެވި ވާހަކަފުޅުގައި ޔުނިވަސީޓީގެ ކެމްޕަހެއް ގަމުގައި ހުޅުވިގެންދިޔަ ކަމަކީ އެ އަރަށާއި އަތޮޅަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި މި އަހަރު ޖެނުއަރީ މަހު ކޯސްތައް ފެށުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ނުވީ ބައެއް ގޮންޖެހުންތައް ކުރިމަތިވުމުން ކަމަށެވެ.
އަދި ޔުނިވަސިޓީގެ ކެމްޕަސް ހިންގުމަށް ބޭނުންވާ ދާއިމީ އިމާރާތް އެޅުމަށް 45 ހެކްޓަރުގެ ބިން ގަމުން ލިބޭނެ ކަމުގެ ޔަގީން ވެސް ގަމު ކައުންސިލް މެންބަރު ވަނީ އަރުވާފަ އެވެ.