ލ.މާމެންދޫ އިންޖީނުގެ އޮފީސް ފަޅާލައި އެތަނުގައި ހުރި ތިޖޫރީން 290000ރ. އަށް ވުރެ ގިނަ ފައިސާ ތަކެއް ވަގަށް ނެގި މައްސަލައިގެ ތަހުގީގު ނިންމައި ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ތިޖޫރީގައި ތިބި ފައިސާތަށް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ލ.މާމެންދޫ ކުންނާރުމާގޭ މުހައްމަދު ޝަރީފް 28، އާއި އެރަށު ރިހިވެލި މުހައްމަދު ނިޒާރު 36، އާއި ކުނަހަންދޫގޭ އަލީ ރަޝީދު 35، އަދި ރަތްވިލާގޭ އިބްރާހީމް ލަތީފް 31، ގެ މައްޗަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލ. މާމެންދޫ އިންޖީނުގޭގެ އޮފީހަށް ގެއްލުންދިނުމަށްފަހު އެތަނަށް ވަގަށް ވަދެ އެއޮފީސް ތެރޭގައި ހުރި ތިޖޫރީއެއް ހަލާކުކޮށްލައިގެން އޭގެތެރޭގައި ހުރި 290000ރ. އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.