ހަތް ރަށެއްގެ ބިން ހިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ ސަރުކާރުން ބިން ހިއްކަން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ތ. ގުރައިދުއާއި ދ. ކުޑަހުވަދުއާއި މީދު އާއި ކ. ގުރައިދުއާއި ތުލުސްދޫ، ގާފަރު އަދި މާފުށި ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ކޮންއިރަކު ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ ހުޅުމާލޭ ފޭސް ދޭއް ހިއްކައި ނިމުމުން އެ ހަތް ރަށުގެ ބިން ވެސް ހިއްކާ ގޮތަށް. އެ ގޮތުން ހަތަރު ރަށެއްގެ ބިން ހިއްކަން ހައުސިން މިނިސްޓްރީއާ އެކު މިހާރު ވަނީ އެގްރިމަންޓެއްގައި ސޮއިކޮށްފައި. އަދި ބާކީ ތިން ރަށުގެ މަސައްކަތުގެ އެމްއޯޔޫގައި ވަނީ ސޮއިކޮށްފައި. އެ ތިން ރަށުގެ އެގްރިމަންޓްގައި ސޮއިކުރެވޭނީ ކޮންޓްރެކްޓަރުގެ އަތުން އަގު ލިބުނީމާ،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ އެ ހަތް ރަށުގެ ތެރެއިން ހަތަރު ރަށުގެ ބިން ހިއްކަނީ ސަރުކާރުން ހުޅުމާލޭގައި އަޅާ 700 ހައުސިން ޔުނިޓް އެ ކުންފުންޏާ ހަވާލުކުރާ ގޮތަށް ކަމަށެވެ. އަދި ތިން ރަށުގެ މަސައްކަތްކުރަން ނިންމާފައި ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ވަނީ ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި ހުޅުމާލޭގައި 700 ހައުސިން ޔުނިޓް އަޅާ ގޮތަށް. އެ މަސައްކަތުގެ ފައިސާ ވެސް ވަނީ ހަމަޖެހިފައި. އެ ހައުސިން ޔުނިޓްތައް އެޗްޑީސީއާ ހަވާލުކުރަން އޮތީ ނިންމާފައި،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހަތް ރަށުން ގާތްގަނޑަކަށް 180 ހެކްޓަރުގެ ބިން ހިއްކަން ޖެހޭ ކަމަށެވެ.

އެޗްޑީސީއަށް ރާއްޖޭގެ ހަތް ރަށެއްގެ ބިން ހިއްކަން ހަވާލުކުރަން ނިންމުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެ ކުންފުންޏާ ސުވާލުކޮށްފަ އެވެ.

އެކަމާ ގުޅިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެމުން ސުހެއިލް ވިދާޅުވެފައި ވަނީ އެ ކުންފުނިން ސަރުކާރާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ހަތް ރަށް ހިއްކާއިރު އޭގެ ތެރެއިން ހަތަރު ރަށުގެ ބިން ހިއްކުމަށް ލިބެން ޖެހޭ ފައިސާ ހުޅުމާލޭގައި ހަދާ 700 ފުލެޓްގެ ކުލި އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށެވެ. އަދި ދެން ބާކީ އޮތް ތިން ރަށުގެ ހިއްކުމަށް ނިންމާފައި ވަނީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކަމަށާއި އެގޮތުން މިއަހަރުގެ ބަޖެޓުން އެއިން ކޮންމެ ރަށަކަށް 10 މިލިއަން ރުފިޔާ ސަރުކާރުގެ ފަރާތުން ދޭނެ ކަމަށާއި އަދި ބާކީ ދޭން އޮތް ފައިސާ އަންނަ އަހަރު ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.