25 Jun 2013, 15:10
ރަށު ތަރައްގީ އަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމެޓީގެ ރައީސާ އަށް ރަށު ކައުންސިލުންނާއި ސިޓީ ކައުންސިލުން ގޮނޑިއެއް ހާއްސަ ކުރަން ޖެހޭ ގޮތަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 11 މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން، ތަޅުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވޯޓު ދެއްވީ އެ ބިލު ބައިގަތުމަށެވެ. އެގޮތުން 28 މެންބަރުން ވޯޓު ދެއްވީ އެ ބިލު މަޖިލީހަށް ބައިލަގަތުމަށެވެ.
އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށްޓަކައި ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފަ އެވެ.
ބިލު ބުނާ ގޮތުން އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބޭ އަންހެން ބޭފުޅަކަށް ރަށު ކައުންސިލުން ގޮނޑިއެއް ލިބޭނެ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި ވެސް އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކަށް ސިޓީ ކައުންސިލްގެ ގޮނޑިއެއް ލިބޭނެ ކަމަށް ބިލުގައިވެ އެވެ.
އަންހެނުންގެ ކޮމެޓީގެ އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ޖެހޭނީ އެއްކޮށް ކަމަށް ބަޔާން ކުރާ ބިލެއް ވެސް ރޮޒައިނާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އިދާރީ ދާއިރާ އަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބު ބާއްވަން ޖެހޭނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަމަށެވެ.
އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ކުށެއް ނުވަތަ އެފަދަ އެއްޗެއް ބޭނުން ކުރުމުގެ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރުވެފައިވާ ނަމަ އެ މީހަކަށް ކައުންސިލަރު ކަމަށް ކުރިމަތިލެވޭނެ ބިލުގައިވެ އެވެ.
ކައުންސިލްގެ ގޮނޑިއެއް އަންހެނުންނަށް ހާއްސަ ކުރަން ޖެހޭ ގޮތަށް ރޮޒައިނާ ހުށަހެޅުއްވި ބިލުގެ ބަހުސްގައި ބައެއް މެންބަރުން ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީގެ ރައީސާ އަށް ކައުންސިލްގެ ގޮނޑިއެއް ހާއްސަ ކުރުމަކީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ ބުނާ ގޮތުން ރަށު ކައުންސިލަށް މެންބަރުން ހޮވަން ޖެހޭނީ ސީދާ ރަށު ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށެވެ. ނަމަވެސް އަންހެނުން އެކަނި ވޯޓުލައިގެން ހޮވާ ކޮމެޓީގެ ރައީސާ އަށް ކައުންސިލްގެ ގޮނޑިއެއް ރިޒާވްކުރުމަކީ "އެހާ ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ" ކަމަށެވެ.