އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްޅަ މުބާރާތް، އެގައުމުގައި ބޭއްވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ފީފާއިން ބުނެފި އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވޮލްކޭ ވިދާޅުވީ، މިހާރު ބްރެޒިލްގައި ހިންގަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން ކޮންފެޑެރޭޝަންސް ކަޕް މެދު ކަނޑާލުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކުގައި ފީފާއިން ބޭއްވި މަޝްވަރާތަކުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެއްވެސް ޝައްކެއްނެތި ބޭއްވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ބްރެޒިލްގެ ކަމާ ބެހޭ ދާއިރާތަކުންނާއި އަދި އެގައުމުގެ ސަރުކާރުންވެސް ދީފައިވާ ކަމަށެވެ.

"ބްރެޒިލްގައި ވޯލްޑް ކަޕް ބޭއްވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް،" ވޯލްކޭ ވިދާޅުވި އެވެ. "ފުރަތަމަ މެޗު ކުޅޭނީ ސައޮޕޯލޯގައި އަދި ފައިނަލް މެޗު ކުޅޭނީ ރިއޯ ޑި ޖެނެއިރޯގައި. އެ ކަމަށް ޕްލޭން ބީ އެއް ނެތް،"

ހުސްވި ހަފްތާގައި ބްރެޒިލްގެ 100 ސިޓީއެއްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ގާތްގަނޑަކަށް މިލިޔަނަކަށްވުރެ ގިނަމީހުން ވަނީ ބައިވެރިވެފަ އެވެ. މުޒާހަރާތަށް ފެށިގެން ދިޔައީ، ދަތުރުފަތުރުގެ އަގުތައް ބޮޑުވުމާއި އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ. އެހެން ނަމަވެސް މުޒާހަރާތައް އިތުރަށް ފުޅާވެ، އެ ގައުމުގެ އެކި ދާއިރާ ތަކުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، ވޯލްޑް ކަޕަށް ތައްޔާރުވުމަށްޓަކައި ބޮޑެތި ހަރަދުތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ އަޑު އުފުލަމުން ނެވެ.

"މުޒާހަރާ އެންމެ ބޮޑަށް ނުރައްކާވެގެން ދިޔައީ ޖޫން މަހުގެ 20 ވަނަ ދުވަހު. ސުލްހަވެރި މުޒާހަރާތައް ނުރައްކާތެރި މުޒާހަރާ ތަކަކަށް ބަދަލުވުމާއި ގުޅިގެން، ޖެހިގެން އައި ދުވަހު، ކޮންފެޑެރޭޝަންސް ކަޕް އިންތިޒާމް ކުރުމުގައި ހަރަކާތެރިވާ އެގައުމުގެ ބައެއް އަމިއްލަ ޖަމާއަތްތަކާއި، ސަރުކާރާ އެކު ފީފާއިން މަޝްވަރާ ބައްދަލުވުމެއް ބޭއްވިން. އަދި އެ ބައްދަލުވުމުގައި ނިންމީ، އަޅުގަނޑުމެން އެންމެންވެސް މިތިބީ އެއް ގޮތެއްގައި ހިފަހައްޓައިގެން ކަމަށާއި އަދި މުބާރާތް ގެންދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ކުރިއަށް ގެންދިއުމަށް،" ފީފާގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބްރެޒިލްގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކާއި ފީފާއާ ގުޅުވައިގެން ބައެއް ފަރާތްތަކުން އަޑު އުފުލަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް ބްރެޒިލްގެ ދާހިލީ އެއްވެސް ކަމަކާއި ފީފާއާ ގުޅުމެއް ނުވާ ކަމަށާއި ފީފާއާ ބްރެޒިލްއާ ގުޅުވެން އޮންނާނީ ހަމަ އެކަނި ފުޓްބޯޅައާ ގުޅޭ ކަންތައްތައް ކަމަށެވެ. އެގޮތުން ކޮންފެޑެރޭޝަންސް ކަޕާއި އަދި އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް، ބްރެޒިލްގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި ގުޅުވައިގެން ނުވާނޭ ކަމަށްވެސް ފީފާގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.