25 Jun 2013, 14:18
މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތް ކުރުމަށް ފަރުވާ ދިނުމުގެ އިތުރުން މަސްތުވާތަކެތިން ރައްކާތެރިވެ ތިބުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް ގާއިމްކުރަންޖެހޭ ކަމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ ޖާނީން ބުނެފި އެވެ.
ދުނިޔޭގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅުވައިގެން ޖާނީސް މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފާހަގަކުރުވޭ ބަދަލެއް ގެނައުމުގެ ގޮތުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް ދިރާސާކޮށް އެކަމުގެ ހައްލުކަމުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް ދޫކޮށްލައި އެކަންކަން އެއް ފަރާތްކޮށްފައިވާ ކަމަށެވެ.
"މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ހިތަށް ފެންނަ ގޮތަކަށް އަމަލުކުރުމުގެ ބަދަލުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކާމިޔާބު ކަމާ އެކު ބޭނުންކުރަމުން އަންނަ އިތުބާރު ހިފޭ ގޮތްތައް ރާއްޖޭގައި ވެސް ތައާރަފް ކުރަންޖެހޭ،" ޖާނީން ބުނެފައިވެ އެވެ.
ޖާނީން ބުނީ މަސްތުވާތަކެތި ނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކޮންމެވެސް ވަރެެއްގެ ކާމިޔާބީތަކެއް ލިބިފައިވީނަމަަވެސް އަޅުގަނޑުމެންގެ ގޭގެއިންނާއި ސްކޫލްތަކުންނާއި މުޖުތަމައުއިން މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތްތަކަށް އަދި ނިމުމެއް އައިސްފައި ނުވާ ކަމަަށެވެ.
ޖާނީން ބުނީ މަސްތުވާތެކެތީގެ ޝިކާރައަކަށްވެ ގިނަ ދިވެހި ދަރިންތަކެއް ގެއްލިގެން ދިއުމަކީ އެޖަމިއްޔާއިން ބަލައިގެންނާނެ ކަމެއް ނޫން ކަމަށާއި މިހާރު މިއޮތް ހާލާތަކަށް ދިވެހިރާއްޖެ ދިއުމަށް އެތައް އަހަރުތަކެއް ނަގާފައިވާއިރު ކުއްލިއަލަށް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަށް މިހާ ދުވަސް ވެފައިވާއިރު އެކަމަށް އާއްމުން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ޖާނީން ބުނެފައިވެ އެވެ.
"މަސްތުވާތަކެތިން ރައްކާތެރިވެ ތިބުމަކީ ދުޅަހެޔޮ ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެޅެން އޮތް އެންމެ އަގު ހެޔޮ އަދޮ އެންމެ ބުއްދިވެރި ފިޔަވަޅު ކަމަށާއި މަސްތުވާތަކެތިން ރައްކާތެރިވުމަށް ދުރާލާ ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކުޑަވެ ގޭތެރެ އާއި މުޖުތަމައުގައި އަމާން ވެއްޓެއް ބިނާކުރުމަށް މަގުފަހިވެގެންދޭ،" ޖާނީން ބުނެފައިވެ އެވެ.
ޖާނީން ވަނީ މަސްތުވާތަކެތީގެ ރައްކާތެރިވުމާ ބެހޭ ޚާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ. "އާރު.އައި.އެސް.ސީ" ރައިސް ގެ ނަމުގައި މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މިޕްރޮގްރާމަކީ މަސްތުވާތެކެތިން ދުރާލާ ރައްކާތެރިވުމަށް ހިންގޭ ޕްރޮގްރާމެއްގައި އެކުލެވެންޖެހޭ އެންމެހާ ބައިތައް އެކުލެވިގެން އެންމެން ޝާމިލްވާ ގޮތަށް ރޭވިގެން ހިންގާ ޕްރޮގްރާމެއް ކަމަށް ޖާނީން ބުންޏެވެ.
ސައިންޓިފިކް ދިރާސާ ތަކުން ދައްކާ ގޮތުގައި މަސްތުވާތެކެއްޗަށް އަޅުވެތިވާން ފަށަނީ ޒުވާން އުމުރުގައި ކަމުގައިވާތީ ޖާނީން ކުރިއަށް ގެންދާ އެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ޒުވާނުންނަށާއި އެކުދިންގެ މައިންބަފައިންނަށް މަސްތުވާތެކީގެ ސަބަބުން ސިއްހީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ލިބޭ ގެއްލުންތައް އުނގަންނައިދިނުމަށެވެ. އަދި މަސްތުވާތަކެއްޗަށް ހުށަހެޅިދާނެ ފަދަ އެންމެހާ ސަބަބުތައް ދެނެގަނެ އެކަމާ ކުޅަދާނަ ކަމާާ އެކު ކުރިމަތި ލާނެގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ބައިނަލް އަގުވާމީ ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހަކީ 26 ޖޫން އެވެ.