ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަމީން މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ އޯގަސްޓް މަހު 25 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ކުރިން އުއްމީދު ކުރި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ފަސްވެފައިވާ ކަމަށާއި ނަމަވެސް ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމުގެ އުއްމީދު މިހާރު އޮތް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކޮށްގެން މި ތިބީ އޯގަސްޓް މަހުގެ 25ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް. އެހެން ނަމަވެސް އެކި އެކި ސަބަބުތަކާ ހެދި ފަހަތަށް ޖެހިގެން މިދިޔައީ. އެހެން ނަމަވެސް މިހާރު އެ މަސައްކަތް އެދާ ގޮތުން ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް،" އަމީން ވިދާޅުވި އެވެ.

ތިމަރަފުށީގައި އެއާޕޯޓެއް ތަރައްގީކުރުން ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ އެވެ. އަދި އެތަނުގެ ކޮންޓްރެކްޓް އެ ކުންފުނިން 32 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް ލަސްކުރުމަށް ޕީޕީއެމް މަސައްކަތްކުރަމުންދާ ކަމަށް ބުނެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފް ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.