ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލަ ދިނީ ކޮން ބައެއްކަން ދައުލަތުގެ މީޑިއާ އިން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.


މިއަދު މެންދުރު ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ނަސްރުގެ ދުވަހުގެ މައުލޫމާތު އެމްއެންބީސީ ވަން އިން ގެނެސްދެނީ އެ އުދުވާނުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމު ވަނީ އެ އުދުވާނީ ހަމަލާދިނީ ކޮން ބައެއް ކަން އާންމުނަނަށް ހާމަކޮށްދިނުމަށް ކަމަށެވެ.


"އުދުވާނީ ހަމަލާގައި ބައިވެރިވީ ކޮން ދައުލަތުގެ މީޑިއާ އިން ރައްޔިތުންނަށް ހާމަކޮށްދެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ސަރުކާރުން ރައްޔިތުންނަށް، އަޅުގަނޑުމެންގެ ކުޑަ ކުދިންނަށް ނަސްރުގެ ދުވަސް އޮޅުވާލަން މިކުރާ މަސައްކަތް އަޅުގަނޑުމެން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،"


އެމްޑީޕީ ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއަކީ ރައީސް މައުމޫނާއި ކުރީގެ ސަރުކާރުން ކުރި ކަމެއް ކަމަށް ސިފަކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.


"މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އެއީ ކުރީގެ ސަރުކާރުން ނުވަތަ މައުމޫން އައްބުދްގައްޔޫމް ކުރެއްވި ކަމެއް ކަމަށް ސިފަކުރަން ބަޔަކު މަސައްކަތް ކުރާތަން." މަހުލޫފު ވިދާޅުވި އެވެ.


މަހުލޫފު ވިދާޅުވީ ސަރުކާރުން އަދި އެމްއެންބީސީން ކިތަންމެ މަސައްކަތެއް ކުރިއަސް، އެ ހަގީގަތް އޮޅުވާނުލެވޭނެ ކަމަށާއި ނޮވެންބަރު ތިނެއްގެ އުދުވަނީ ހަމަލާގެ ބައިވެރިން ތިބީ އަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށެވެ.  


"ސްޓޭޓް މިނިސްޓަރު ޝާހިދާއި ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލާއި މި މީސް މީހުންނަކީ ސީދާ ނުވެންބަރު ތިނެކާ ގުޅިގެން ހުކުމްކޮށްފައި ތިބި މީހުން. އަޅުގަނޑުމެންނަށް މިފެންނަނީ އެދުވަސް ފާހަގަކުރުމަށް އަމީން ފައިސަލް ރީދޫ ކުލައިގެ ޓައީއެއް އަޅުއްވައިގެން އިންނަވާތަން. މީއީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ސަރުކާރުން ޖަހާ ވަރަށް ނުލަފާ އެތިފަހަރެއް."


ނޮވެމްބަރު ތިނެއްގެ ހަމަލާ ކުއްވެރިކުރުމަށް ޑީއާރުޕީން މިރޭ ކަޅުހެދުމުގައި މާލޭގެ މަގުތަކުގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.  އެ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ޑީއާރުޕީ އޮފީސް ދޮރުމަތިން މިރޭ 8:45 ގައި ކަމަށް ޑީއާރުޕީން ބުނެ އެވެ.