ގަލްފުގައިވާ ކުޑަ އެހެންނަމަވެސް އިގްތިސާދީ ގޮތުން އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ ގަތަރުގެ އަމީރު ޝެއިހު ހަމަދު ބިން ހަލީފާ އަލް ސާނީ އެމަގާމުން ދުރުވެ، އަމީރުކަން އެމަނިކުފާނުގެ ދަރިކަލު އަދި ގަތަރުގެ ވަލީ އަހުދު ޝެއިހު ތަމީމް ބިން ހަމަދު އަލް ސާނީއާ ހަވާލުކުރައްވާފައި ވަނީ މިއަދު އެވެ.

އަދި މާދަމާ ގަތަރުގެ ރައްޔިތުން ގަނޑުވަރަށް އައިސް އާ އަމީރު ޝެއިހު ތަމީމަށް ބައިއަތު ހިފުމަށް ގަނޑުވަރުކޮޅުން ނެރެފައިވާ ބަޔާނެއްގައި ވަނީ ގޮވާލާފަ އެވެ.

ތެލާއި ގޭހުގެ ވިޔަފާރިން މުއްސަނދިވެފައިވާ ގަތަރުގެ ވެރިކަމާ ޒުވާން ބޭފުޅެއް ހަވާލުވާއިރު ގަލްފުގައިވާ ވިރާސީ ވެރިކަންތަކުގެ ތެރެއިން އެންމެ ޒުވާން ވެރިއެއް މިހާރު ހުންނެވީ ގަތަރުގަ އެވެ. އެއީ އުމުރުފުޅުން 33 އަހަރުގެ ޝެއިހު ތަމީމް ބިން ހަމަދު އަލް ސާނީ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝެއިހު ތަމީމް އަކީ ގަތަރުގެ ކުރީގެ އަމީރު ޝެއިހު ހަމަދުއާއި އެމަނިކުފާނުގެ ދެވަނަ އަނބިކަނބަލުން ޝެއިހާ މޯޒާ އަށް ލިބިވަޑައިގެންނެވި ދެވަނަ ދަރިކަލުން ނެވެ.

ތަމީމުއަކީ ވަރަށް ކުޑަ އިރުން ސުރެ ގަތަރުގެ ވެރިކަމާ ހަވާލުވާނެ އަމީރެއްގެ ގޮތުގައި ބޮޑުކުރެވުނު ބޭފުޅެއް ކަމަށް ގަތަރުގެ ބައެއް މީޑިއާތަކުން ބުނެ އެވެ.

އިނގިރޭސިވިލާތުން ތައުލީމު ހާސިލުކުރައްވަވާފައިވާ ތަމީމުއަކީ ގަތަރުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ކޮމާންޑަރެކެވެ. ގަތަރުގެ ނެޝަނަލް އޮލިމްޕިކް ކޮމިޓީގެ ޗެއާމަން އެވެ. ދެ ހާސް ބާވީސް ވަނަ އަހަރު ގަތަރުގައި ބާއްވަން ތައްޔާރުވަމުން އަންނަ ދުނިޔޭގެ ތަށްޓައް ކުޅޭ ފުޓުބޯޅަ މުބާރާތް ނުވަތަ ވޯލްޑު ކަޕުގެ އިންތިޒާމު ކޮމިޓީގެ ޗެއާމަން އެވެ.

ޝެއިހު ހަމަދު ފަދައިން އިނގިރޭސިވިލާތުގެ ސޭންޑުހާސްޓުގައި ހުންނަ ބްރިޓިޝް މިލިޓަރީ އެކަޑަމީއިން ކިޔަވާ ވިދާޅުވެފައިވާ ތަމީމަށް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގަތަރުގެ ހިންގުމުގެ ގިނަ ޒިންމާތަކެއް ހަވާލުކުރެވެމުން އައިސްފައިވާ އިރު ހާއްސަކޮށް ގަތަރުގެ ސެކިއުރިޓީ އަދި އަސްކަރިއްޔާގެ މުހިއްމު ޒިންމާތައް ތަމީމާ ހަވާލުކޮށްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއުއައިއޭ)ގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން ތަމީމު ވަނީ ގަތަރުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

މިގޮތުން ކިއުއައިއޭ އަކީ މިހާރު އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ބޭންކު ކަމަށްވާ ބާކުލޭސް އަދި އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސުޕާމާކެޓް ޗެއިން ކަމަށްވާ ސެއިންސްބަރީގެ ހިއްސާދާރެކެވެ.

ކިއުއައިއޭ އަކީ ފަރަންސޭސިވިލާތުގެ ފުޓުބޯޅަ ކުލަބު ޕެރިސް ސެއިންޓް ޖާމެއިން ހިންގަމުން އަންނަ ކުންފުންޏެވެ.

ތަމީމުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕު ބިޑު ކާމިޔާބުކުރުމަށް ގަތަރުގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަންގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މަސައްކަތެވެ.

ކުޅިވަރަށް ބޮޑު ޝައުގުވެރިކަމެއް ދެއްވާ ތަމީމު އަކީ ފުޓުބޯޅަ އަދި ޓެނިސް ކުޅުއްވަވާ ބޭފުޅެކެވެ.

ގަތަރުގެ ވަލީއަހުދުގެ ގޮތުގައި ޝެއިހު ތަމީމު އިއުލާންކުރައްވާފައި ވަނީ 2003 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެދުވަހުން ފަށައިގެން މިއަދާ ހަމައަށް 10 އަހަރު ދުވަސް ވަރު ވެފައިވާ އިރު، މިމުއްދަތުގައި ޝެއިހު ތަމީމު ވަނީ އެމަނިކުފާނަކީ ގަތަރުގެ އަމީރުކަން ކުރެއްވޭނެ ގާބިލްކަން ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަން ސާބިތުކޮށްދީފައި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ގަލްފުގެ ގައުމުތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ނީލް ޕެޓްރިކް ވިދާޅުވީ ތަމީމުގެ ދަށުން ގަތަރުގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"ޝެއިހު ހަމަދުގެ އިރުޝާދެއް ނެތި ތަމީމު ބޮޑު ކަމެއް ނިންމާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް ތަމީމަކީ ހާރިޖީ ގޮތުން އަދި ސެކިޔުރިޓީ އަދި ވިޔަފާރީގެ ގޮތުން ބެލި ނަމަވެސް ގާބިލު ބޭފުޅެއް" ނީލް ޕެޓްރިކް ވިދާޅުވި އެވެ.

ތާރީހީ ކަންކަމަށް ވެސް ޝައުގުވެރިކަން ދެއްވަވާ ތަމީމުގެ ބެލުމުގެ ދަށުން ގަތަރުގެ ދޯހާގައި ހުންނަ ބާޒާރެއް ކަމަށްވާ ސޫކު ވާކިފު ވަނީ އެއްކޮށް މަރާމާތުކޮށް، ތާރީހީ ގޮތުން ހުރި ފެންވަރަށް އަލުން ބިނާކޮށްފަ އެވެ. މިހާރު ސޫކު ވާކިފްވެފައި ވަނީ ގަތަރަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަށެވެ.

އަމިއްލަ ދިރިއުޅުމަށް ބަލާއިރު، ޝެއިހު ތަމީމުގެ ދެ އަނބިކަނބަލުން ތިއްބަވަ އެވެ. އެއީ އެންމެ ފުރަތަމަ ކައިވެނި ބައްލަވައި ގަތް ޝެއިހާ ޖަވާހިރާއި ދެވަނައަށް ކައިވެނި ބައްލަވައި ގަތް އަލް އަނޫދު އަލް ހަޖްރީ އެވެ.

ތަމީމުގެ ޖުމްލަ ހަ ދަރިކަލަކު އެބަތިއްބެވެ. އެއީ ފުރަތަމަ ކައިވެނިން ލިބިވަޑައިގަތް ހަތަރު ދަރިކަލަކާއި ދެވަނަ ކައިވެނި ލިބިވަޑައިގެން ދެ ދަރިކަލުން ނެވެ.