25 Jun 2013, 13:04
މިސްރުގެ ވެރިރަށް ކައިރޯގައި 1431 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވި ބައިނަލްއަގްވާމީ ގުރްއާން މުބާރާތުން ރާއްޖެ އަށް ރަންވަނައެއް ހޯދައިދިން، އަރަބިއްޔާގެ ގްރޭޑް ފަހެއްގައި ތައުލީމު ހާސިލު ކުރަމުން ގެންދިޔަ، އޭރު އުމުރުން އެންމެ 10 އަހަރުގެ ރިފްދާ މުޙައްމަދު ރަޝީދު އާއި އަދި ސެނެގާލްއާއި ތަޖިކިސްތާނުގެ ފިރިހެން ދެ ކުއްޖަކު ހިމަނައިގެން އެޗްބީއޯ އިން އުފެއްދި ޑޮކިއުމެންޓްރީ ފިލްމް "ގުރްއާން ބައިހާޓް" އެމެރިކާގެ ކެލިފޯނިޔާގައި އާންމުކޮށް ދައްކާލައިފި އެވެ.
އިސްލާމީ އާދަކާދައާއި ތާރީޚާއި ސަގާފަތް ދައްކުވައިދޭ 90 މިނިޓުގެ ޑޮކިއުމެންޓްރީގައި ދައްކުވައިދެނީ މިސްރުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ، ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ގުރްއާން މުބާރާތުގައި ވަރުގަދަ ޖަޖުންގެ ޕެނަލްއެއްގެ ކުރިމަތީގައި އެ ކުދިންނަށް ވުރެ އުމުރުން ދެގުނަ ބޮޑެތި ކުދިންތަކަކާ ވާދަކޮށް، އަރަބިބަހުން ރަނގަޅަށް ވާހަކަ ނުދެއްކޭ، އުމުރުން އެންމެ 10 އަހަރުގެ ތިން ކުއްޖަކު އެ މުބާރާތުން ހޯދި ކާމިޔާބީ އެވެ. އަދި އިސްލާމް ދީންދެކެ ލޯބިވާ މިޒަމާނުގެ ކުދިންގެ ރިވެތި އަޚްލާގާއި އުޅުން ފިލްމުގައި ދައްކުވައިދެ އެވެ.
ދުނިޔޭގެ ހުރިހާ ހިސާބަކަށް ހުޅުވާލައިގެން މިސްރުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ގުރްއާން މުބާރާތުގައި އެފަހަރު އެކި ގައުމުތަކުން ޖުމްލަ 110 ދަރިވަރަކު ވާދަކޮށްފައިވެ އެވެ. ރިފްދާ ވަނީ، ކީރިތި ގުރްއާނުގެ 6236 އާޔަތް ހިތުދަސްކޮށްގެން އެ މުބާރާތުގެ ޢަޖަމީންގެ ބައިން ދެވަނަ ހޯދާފަ އެވެ. އަދި އެ ޑޮކިއުމެންޓްރީގައި ދެން ހިމަނާފައި ވަނީ މުބާރާތުން އެއް ވަނަ އަދި ތިން ވަނަ ހާސިލްކުރި، ތަޖިކިސްތާނުގެ ނަބީއުﷲ ސައިދަފް އާއި ސެނެގާލްގެ ޖަމީލް ޖީން އެވެ.
ކެލިފޯނިއާގެ ސްޓޮކްޓޮންގެ ސެޒާ ޗަވޭޒް ސެންޓަރަލް ލައިބްރަރީގައި އެ ފިލްމް އަޅުވާފައި ވަނީ ޔުނިވާސިޓީ އޮފް އޭޝިޔާ ޕެސިފިކްގެ ޗެޕްލައިން ޖޮއެލް ޖޮހްރުއާއި ސްޓޮކްޓަންގެ އިމާމެއް ކަމަށްވާ ޝެއިޚް އިހްސާ ޔޫނުސް އެފިލްމާ ބެހޭ ގޮތުން އެތަނަށް ހާޒިރުވެތިބި މީސްތަކުންނަށް މައުލޫމާތު ހިއްސާކުރުމަށް ފަހު އެވެ.
ގުރްއާން ބައިހާޓް ޑޮކިއުމެންޓްރީ ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުންގެ ތެރޭގައި ވެސް ހިމެނޭ ކްރެގް ބޭކާއަކީ، ކުރިން ފްރީލާންސް ޖާނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި މީހެކެވެ. ދުނިޔޭގެ ހަ ބައްރުގެ 50 ގައުމެއްގައި މަސައްކަތް ކޮށްފައިވާ ކްރެގް ހިދުމަތްކޮށްފައިވާ ބައެއް ތަންތަނުގެ ތެރޭގައި ބީބީސީ، ސީއެންއެން އަދި ރޮއިޓާޒް ހިމެނެ އެވެ. އޭނާ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ގޯސްޓް އޮފް ރުވާންޑާ"، "ސާޖިއޯ" ފަދަ އެވޯޑް ވިނިން އިންވެސްޓިގޭޓިވް ފިލްމްތައް ހިމެނެ އެވެ.
ރިފްދާއާއި، ނަބީއުﷲ އާއި ޖަމީލްގެ އިތުރުން އެ ޑޮކިއުމެންޓްރީގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ، ޢަބްދުﷲ ސަމަރާ ސުލައިމާންއާއި ޑރ. ސަލީމް ޢަބްދުލް ގަލީލްއާއި ކްރިސްޓީނާ ނެލްސަން އެވެ.
ރިފްދާ ރާއްޖެ އަށް ހޯދައިދިން ރަން ވަނަ ފާހަގަކޮށް، މައުމޫން ފައުންޑޭޝަނުން ހަނދާނީ ފިލައެއް ހަވާލު ކުރުމަށް 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، އެޗްބީއޯގެ އެ ފިލްމާ ބެހޭގޮތުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައި ވަނީ، އެމީހުންގެ ބޭނުމަކީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި އިސްލާމްދީނާ ބެހޭ ގޮތުން މިހާރު އޮތް ތަސައްވުރު ބަދަލުކޮށްލުމަށް ޓަކައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެޗްބީއޯ އިން އެ ފިލްމު އުފެއްދުމުގެ ބޭނުމަކީ، އިސްލާމް ދީނާ ދޭތެރޭގައި، އެހެން ދީންތަކުގެ މީހުން ދެކެމުންއަން، ނުރަނގަޅު ގޮތްތައް ބަދަލުކޮށް، އިސްލާމް ދީނާކީ އަމަން އަމާން ކަމަށާއި ސުލްހަ މަސްލަހަތަށާއި އެންމެންގެ އުހުއްވަތްތެރިކަމަށް ގޮވާލައި، އެކުވެރިކަމާއި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދޭ ދީނެއްކަން އެމެރިކާގެ ރައްޔިތުންނަށް އަންގައި ދިނުމަށް ކަމަށް އެމީހުން ބުނެފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ސްޓޮކްޓަންގައި ފިލްމު ދައްކާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިމާމް ޔޫނުސް ވިދާޅުވެފައި ވަނީ، އެ ޑޮކިއުމެންޓްރީގެ ސަބަބުން އިސްލާމީ އުއްމަތާ ދޭތެރޭގައި އެހެން ދީންތަކުގެ މީހުން ދެކެމުންއަންނަ ނުރަނގަޅުވިސްނުން ވަރަށް ބޮޑަށް ބަދަލުވެގެން ދާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.