25 Jun 2013, 12:47
ލަގްޒަރީ ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކަށް ދޭ "ސެވަން ސުޓާ ޑެސްޓިނޭޝަން ވިނާ" އެވޯޑަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.
އެއެވޯޑަކީ ދުނިޔޭގެ ފެންވަރުގައި ލަގްޒަރީ ޓޫރިޒަމްގެ ހިދުމަތްދޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ. އެއެވޯޑް ދިނުމަށް ނިންމާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ސުޕެއިންގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަދި އެއެވޯޑަށް 22 ގައުމަކުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އޮސްޓުރޭލިއާ ސިންގަޕޫރު ތުރުކީ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.
އެއެވާޑާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓާ މުހައްމަދު އާދަމް ވިދާޅޫވީ އެއެވޯޑް ރާއްޖެ އަށް ލިބޭނެ ކަމުގެ 90 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި އެފަދަ އެވޯޑެއް ރާއްޖެ އަށް ލިބިއްޖެ ނަމަ އެއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
"އެ އެވޯޑް ލިބޭނެކަމުގެ 90 ޕަސެންޓް އަޅުގަނޑުމެނަށް ޔަގީން ކުރެވޭ. އެއީ ލަގްޒަރީ ހުންނަ ތަންތަނާ ވާދަކުރެވޭނެ ކަމަށް ގަބޫލްކުރެވޭ، އެހެންވެ ވަރަށް ބޮޑަށް ބެލެވޭ އެވޯޑް ލިބިދާނެކަމަށް،" އާދަމް ވިދާޅުވި އެވެ.
ސެވަން ސުޓާ ގުލޯބަލް ލަގްޒަރީ އެވޯޑަކީ މިއަހަރުން ފެށިގެން ލަގްޒަރީ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެންމެ ރަނގަޅު ތަނަކަށް އަލަށް ދިނުމަށް ހަމަޖައްސާފައިވާ އެވޯޑެކެވެ.