ށ. ފަރުކޮޅުގައި އެއާޕޯޓެއް ހަދަން "އަރާމު ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް" ކުންފުންޏާ ހަވާލުކޮށްފި އެވެ.

ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު "އަރާމު ޓްރެވެލް"އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ހެނދުނު ވެލެނާގެ ޕްރެސްރޫމުގައި ބޭއްވި ރަސްމިޔާތުގައި ދަތުރު ފަތުރާ ބެހޭ ވަޒީރު އަމީން އިބްރާހިމް ވިދާޅުވީ އެ ކުންފުންޏާ އެ އެއާޕޯޓް ހަވާލުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ބަދަލުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. "އިންނެ ހެރަ" ކިޔާ ފަޅުރަށް އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށެވެ.

"މިހާރު އެއާޕޯޓުތައް ތަރައްގީ ކުރާ ގޮތަށް ބަލާއިރު ތިޔަ ބޭފުޅުނަށް އެނގިވަޑައިގަންނަވާނެ ސަރުކާރުން، އަޅުގަނޑުމެން ފައިސާތަކެއް ދީގެނެއް ނޫން [އެއާޕޯޓު ތަރައްގީ ކުރުމަށް ހަވާލުކުރަނީ،] އެ ކުރައްވާ ހަރަދަކަށް ނުވަތަ އިންވެސްޓްމަންޓަކަށް ޓޫރިސްޓް ރިސޯޓެއް ޑޮވެލޮޕް ކުރުމަށް ރަށެއް ދޫކުރާ އުސޫލުން. އެއީ އެހެން ބޮޑެތި ޕްރޮޖެކްތައް ވެސް މިހާރު ހަވާލުކުރެވޭ ގޮތަކީ. އެހެންވީމާ މި ފްރޮޖެކްޓް ކުރިއަށް މި ގެންދެވެނީ އެ އުސޫލާ ތައާރުޒު ނުވާ ގޮތަކަށް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދުން ފެށިގެން 15 މަސް ދުވަސްތެރޭގައި އެ އެއާޕޯޓުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ.

އެ ރަސްމިޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އެ އެއާޕޯޓް ތަރައްގީ ކުރަނީ ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދިނުމުގެ ބަދަލުގައި ފަޅުރަށެއް، ރިސޯޓެއް ތަރައްގީ ކުރުމަށް ދޭ އުސޫލުން އެ ކުންފުނިން ސަރުކާރަށް އެކުއިޝަން ކޯސްޓް ދައްކަން ނުޖެހުނު ނަމަވެސް ރިސޯޓެއްގެ ގޮތުގައި ހިނގަމުންދާ އިރު އެހެން ރިސޯޓުތަކުން ދައްކާ ހުރިހާ ފީއެއް ދައުލަތަށް ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. އަދި ގއ.ގައި ރިސޯޓެއް ތަރައްގީވުވަކީ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަރާމު ޓްރެވެލްސް އިން ބުނީ އެއާޕޯޓު ތަރައްގީ ކުރުމަށް ނިންމާފައި ވަނީ އެ ކުންފުނިން ހަރަދުކޮށްގެން ކަމަށެވެ.

އަރާމު ޓްރެވަލްސް އަކީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ފިރިކަލުން އިބްރާހިމް ދީދީ (ސިމްޑީ ޑީޑީ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަމީން ވިދާޅުވީ ކޮޅުފުށީގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ޑިސެމްބަރު މަހު ބީލަމަށް ހުޅުވާލުމުން ބީލަށް ހުށަހަޅާފައި ވަނީ ވެސް އަރާމު ޓްރެވެލްސް އިން އެކަނި ކަމަށެވެ.