ގަތަރުގެ އަމީރު ޝެއިހު ހަމަދު ބިން ހަލީފާ އަލް ސާނީ ވެރިކަން ދޫކޮށްލައްވާ، އަމީރުގެ މަގާމުގެ އެމަނިކުފާނުގެ ދަރިކަލުން އަދި ގަތަރުގެ ވަލީއަހުދު ޝެއިހު ތަމީމް ބިން ހަމަދު އަލް ސާނީއާ ހަވާލުކުރައްވައިފި އެވެ.

ގަތަރުގެ ރަސްމީ ޓީވީއިން ދުރަށް ދެއްކި ތަގުރީރެއްގައި ގައުމާ މުހާތަބުކުރައްވަމުން ޝެއިހު ހަމަދު ވިދާޅުވީ މިހާރު ގައުމުގެ ހުންގާނު އެހެން ޖީލެއްގެ ޒުވާނުންނާ ހަވާލުކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.

އުމުރުން 61 އަހަރުފުޅު ވެފައިވާ ޝެއިހު ހަމަދު ގަތަރުގެ އަމީރުކަން ދޫކޮށްލައްވަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާ ދުވަސްކޮޅެއް ވެފައިވާ އިރު، އިއްޔެގެ ވަގުތެއްގައި ވެރިކަން ދޫކޮށްލައްވާނެ ކަމުގެ ހަބަރު އާއިލާއާއި އިސް އެޑްވައިޒަރުންނަށް ޝެއިހު ހަމަދު ދެއްވާފައިވާ ކަމަށް އަލް ޖަޒީރާއިން ބުނެ އެވެ.

ގަތަރުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ޝެއިހު ހަމަދު ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަދި ގަތަރުގެ ވަލީއަހުދު ޝެއިހު ތަމީމް ބިން ހަމަދު އަލް ސާނީއާ ގަތަރުގެ އަމީރުކަން ހަވާލުކުރާކަން އިއުލާންކުރައްވާ ކަމަށެވެ.

އަދި އެމަނިކުފާނުގެ މިނިންމުމުގެ ސަބަބުން ގަތަރުގެ ވެރިކަން ޒުވާން ޖީލަކާ ހަވާލުވެގެން ދާނެ ކަމަށް ޝެއިހު ހަމަދު ވިދާޅުވެފައިވެ އެވެ.

ގަތަރުގެ އަމީރު ބަދަލުވުމާ އެކު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް އައިސް ޒުވާން ބޭފުޅުން އެމަޖިލީހުގައި ގިނަވެގެންދާނެ ކަމަށް ލަފާކުރެވިފައިވާ އިރު ގަތަރުގެ ބޮޑުވަޒީރުކަން ދިގު މުއްދަތެއް ވަންދެން ކުރައްވާފައިވާ ޝެއިހު ހަމަދުގެ ދަރިކަލުން އަދި ޝެއިހު ތަމީމްގެ ބޭބޭފުޅު ޝެއިހު ޖާސިމް ބިން ހަމަދު އަލް ސާނީ ބޮޑުވަޒީރުގެ މަގާމު ދުރުވާނެ ކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށް ފަހު ޝެއިހު ހަމަދު ބިން ހަލީފާ އަލް ސާނީގެ ދަށުން ގަތަރުން ވަނީ މެދު އިރުމަތީގައިވާ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ފައިހަމަކޮށްފަ އެވެ.

ގަތަރުގެ އާ އަމީރު ޝެއިހު ތަމީމަކީ އިނގިރޭސިވިލާތުން ތައުލީމު ހާސިލްކުރެއްވުމަށް ފަހު އެނބުރި ގަތަރަށް ވަޑައިގެން، ޝެއިހު ހަމަދުގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ބޭފުޅެކެވެ.

މިގޮތުން އުމުރުން 33 އަހަރުގެ ޝެއިހު ތަމީމު އަކީ ގަތަރުގެ ތަރައްގީއަށް އިފްތިތާހުކޮށްފައިވާ ވިޝަން 2030 ޕްރޮޖެކްޓްގެ އެންމެ އިސް ލީޑަރެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދުނިޔޭގެ ތަށްޓައް ކުޅޭ ފުޓުބޯޅަ މުބާރާތުގެ އިންތިޒާމު ކޮމިޓީގެ ޗެއާޕާސަންއަކީ ވެސް ޝެއިހު ތަމީމް އެވެ.