ރަށު ތަރައްގީއަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމެޓީގެ ރައީސާ އަށް ރަށު ކައުންސިލުންނާއި ސިޓީ ކައުންސިލުން ގޮނޑިއެއް ހާއްސަ ކުރަންޖެހޭ ގޮތަށް ބިލެއް ހުށަހެޅުއްވި ނަމަވެސް އެކަން ކުރަން ގާނޫނު އަސާސީން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ބިލް ބުނާ ގޮތުން ރަށްތަކާއި ސިޓީ ކައުންސިލްތަކުގައި އަންހެނުން ވޯޓުލައިގެން އެންމެ ގިނަ ވޯޓު ލިބޭ މީހަކީ އެ ކޮމެޓީގެ ރައީސާ އެވެ. އަދި އަންހެނުންގެ ކޮމެޓީގެ ރައީސާ އަށް ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ގޮނޑިއެއް ކަށަވަރުވާނެ އެވެ.

އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބު ބާއްވަން ޖެހޭނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައި ވިޔަސް ރޮޒައިނާ ހުށަހެޅުއްވި ބިލުގައި ބުނަނީ އަންހެނުންގެ ކޮމެޓީގެ އިންތިހާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

ރޮޒައިނާ ހުށަހެޅުއްވި ބިލުގެ ބަހުސްގައި މިހާތަނަށް ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވަނީ އެ ބިލަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމެޓީ މަރުހަލާގައި އިސްލާހުތަކެއް ބިލަށް ގެންނަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ ބުނާ ގޮތުން ރަށު ކައުންސިލަށް މެންބަރުން ހޮވަން ޖެހޭނީ ސީދާ ރަށު ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށެވެ. ނަމަވެސް އަންހެނުން އެކަނި ވޯޓުލައިގެން ހޮވާ ކޮމެޓީގެ ރައީސާއަށް ކައުންސިލްގެ ގޮނޑިއެއް ރިޒާވްކުރުމަކީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ ބުނާ ގޮތުން އެހާ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަންހެން ޖިންސަށް ގޮނޑިއެއް ރިޒާވްކުރުމަކީ އުސޫލެއްގެ ގޮތުން އަޅުގަނޑު ތާއިދު ކުރާ ކަމެއް. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މިހާރު މި ބިލުގައި ލިޔުއްވާފައިވާ ގޮތުން އެއީ އަދި ކުރައްވަން އެހާ ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ. ސަބަބަކީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި މި ބުނަނީ ރަށު ކައުންސިލަށް ސީދާ އެ ރަށުން ނިސްބަތްވާ މީހުންގެ ސިއްރު ވޯޓަކުންނޭ ރަށު ކައުންސިލްގެ މެންބަރުން ހޮވާނީ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނާ ގޮތުން ރަށު ތަރައްގީއަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމެޓީ މިހޮވަން ޖެހޭނީ ހަމައެކަނި އަންހެނުން ވޯޓު ލައިގެން. އެހެން ނިޒާމެއްގެ ތެރެއިންނޭ އަންހެނުންގެ ކޮމެޓީ އަށް މިއާދެވެނީ އަންހެނުން ވޯޓުލައިގެން. އެ އަންހެނުންގެ ކޮމެޓީގައި އިންނަ ރައީސަކީ ރަށު ކައުންސިލްގެ މެންބަރަށެއް ހެދޭނެހެއް ހިއެއް ނުވޭ، ގާނޫނު އަސާސީގެ 231 ވަނަ މާއްދާ އެހެން އޮއްވަކާ،" ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ވިދާޅުވީ ކައުންސިލަށް އިންތިހާބުވެވޭނީ ރަށު ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ބުނާއިރު، ހަމައެކަނި އަންހެން ބޭފުޅުން އިންތިހާބު ކުރާ އަންހެނުން ކޮމެޓީގެ ރާއިސާއަށް ކައުންސިލްގެ ގޮނޑިއެއް ލިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި އެ ބިލަށް އިސްލާހު ގެނެސް ކައުންސިލްގެ ގޮނޑިއެއް އަންހެނަކަށް ހާއްސަ ކުރެވިދާނެ ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ވިދާޅުވީ އެ ބިލު ކޮމެޓީގެ މަރުހަލާގައި އިސްލާހު ކުރައްވައި، އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްގެ ގޮނޑިއެއް އަންހެނަކަށް ހާއްސަ ކުރެވިދާނެ ކަމަށެވެ.