ރިޔާޟް (ޖޫން 24): ޤަތަރުގެ ޒުވާން ދެމަފިރިއަކު ސައޫދީ އަރަބިޔާގެ ހަނަފަސް ސަހަރާ ބިމުގައި ފެނަށް ކަޅިކަނޑައިގެން ގޮސްގެން މަރުވެއްޖެ އެވެ.

ސަޢޫދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން ޤަތަރުގެ މިދެމަފިރިން ޙާލުގައި ޖެހުނީ ސައޫދީ އަރަބިޔާގެ ދެކުނުގައިވާ "އައްރުބުޢުލްޚާލީ" ހަނަފަސް ސަހަރާ ސަރަހައްދުގައި އެދެމަފިރިން ގަނެގެންއުޅޭ ބިމަކަށް ޒިޔާރަތް ކުރުމަށްކުރި ދަތުރުގައި ބޭނުންކުރި ކާރަށް މައްސަލަތަކެއް ދިމާވެގެން ކާރުހުއްޓިގެން ކަމަށް ޚަބަރު ލިބެ އެވެ. މި ދެ މަފިރިން ގެއްލުމާ އެކު އެމީހުން ހޯދުމަށް މަސައްކަތްކުރީ ސައޫދީ ސަލާމަތީ ބާރުތަކުގެ ހެލިކޮޕްޓަރުތަކުން އެސަރަހައްދުގައި އަތްފުނާއަޅައިގެންކަމަށްވެ އެވެ.

ހެލިކޮޕްޓަރަށް ފެނުނުއިރު އަންހެންމީހާ ވަނީ އެ ދެމީހުން ދަތުރުކުރި ކާރުކައިރީގައި މަރުވެފަ އެވެ. ފިރިހެންމީހާގެ މަރުވެފައިވާ ހަށިގަނޑު ފެނިފައި ވަނީ ކާރާ 10 ކިލޯމީޓަރު ދުރުންނެވެ. ފިރިހެންމީހާ މިހާދުރުގައި މަރުވެފައި ވަނީ ފެންހޯދުމަށް ކުރިމަސައްކަތުގައި ފެނަށް ކަޅިކަނޑައިގެން ގޮސްގެން ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެދެމީހުންގެ ހަށިގަނޑު ބެލި ޑޮކްޓަރުން ވެސް ވަނީ އެ ދެ މީހުން މަރުވީ ފެނަށް ކަޅިކަނޑައިގެންގޮސް ގައިން ފެންހުސްވެގެން ކަމަށް ބުނެފައެވެ. ސައޫދީ އަރަބިޔާގެ ދެކުނުގައިވާ "އައްރުބުޢުލްޚާލީ" ހަނަފަސް ސަހަރާ އަކީ ހޫނު މޫސުމުގައި ދުވާލުގެ ވަގުތުތަކުގައި 52 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން މައްޗަށްދާ ވަރަށް ހިކި ހަނަފަސް ސަރަހައްދެކެވެ. މިސަރަހައްދު އެއްހާސް ކިލޯލީޓަރަށް ދެމިގެން ގޮސްފައިވެ އެވެ.

"އައްރުބުޢުލްޚާލީ" ހަނަފަސް ސަހަރާ އަކީ ވެލީގެ ތޫފާންތައް ވެސް ވަރަށް ގިނައިން އަންނަ ބިރުވެރި ގޮތަކަށް އޮންނަ ގަހެއް ރުކެއްނެތް ސަރާސަރު ހަނަފަސް ބިމެކެވެ. ކުރީގައި މީހުން ދިރިއުޅުނު ރަށްތަށް މިބިމުގެ ވެލިގަނޑުގެތެރޭގައި ވަޅުލެވިފައިވާ ކަމަށް އާސާރީ ހޯދުންތަކުން ދައްކަ އެވެ. "އައްރުބުޢުލްޚާލީ" ހަނަފަސް ސަހަރާ ސަރަހައްދަކީ ސައޫދީ އަރަބިޔާގައި އެންމެ ގިނައިން ތެޔޮހުރި އެއް ބިމެވެ. ޤަތަރުގެ ދެމަފިރިން މަރުވުމުގެ މިޙާދިސާ ހިނގާފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށް ޚަބަރު ލިބެއެވެ. (ސައޫދީ މީޑިޔާ)