25 Jun 2013, 10:17
ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި ރޭ ބީޖީއާ ދެކޮޅަށް ވިކްޓަރީ ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވުމުން 18 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވިކްޓަރީ ސްޕޯޓްސް ކުލަބް ރެލިގޭޝަން ކުޅެން ޖެހިއްޖެ އެވެ.
ވިކްޓަރީއަށް ރެލިގޭޝަނާ ކުރިމަތިލާން ޖެހުނީ ދެ ވަނަ ބުރުގެ ކުޅުން ރޭ ނިމުނުއިރު ލީގުގެ ގަދަ ހަޔަކުން އެޓީމަށް ފުރުސަތު ނުލިބުމުންނެވެ.
ދެވަނަ ބުރުގެ ކުޅުން ރޭނިމުނުއިރު، ވިކްޓަރީ އޮތީ 12 ޕޮއިންޓާއެކު ހަތް ވަނަ މަގާމްގަ އެވެ. ވިކްޓަރީއާކު ދެންރެލިގޭޝަން ކުޅެން ޖެހިފައިވާ އަނެއް ޓީމަކީ ވީބީ އެވެ. ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ނިމުނުއިރު ވީބީ އޮތީ ނުވަ ޕޮއިންޓާއެކު ތާވަލްގެ ފުލުގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވިކްޓަރީންނެވެ. އެލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ސިނާޒެވެ. އަދި ބީޖީން ވިކްޓަރީ ކޮޅަށް ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ރިލްވާނެވެ.
ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުނުއިރު އެއްވަނަ މަގާމް ގައި އޮތީ ނިއުރޭޑިއަންޓެވެ. އެޓީމް އެއް ވަނަ މަގާމް ގައި އޮތީ 42 ޕޮއިންޓާއެކު އެވެ. ދެ ވަނަ މަގާމްގައި 28 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. ތިން ވަނަ މަގާމްގައި 21 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު، ހަތަރު ވަނަ މަގާމްގައި 17 ޕޮއިންޓާއެކު އޮތީ ބީޖީ އެވެ. އަދި ފަސް ވަނަ މަގާމްގައި 15 ޕޮއިންޓާއެކު އޭވައިއެލް އޮތް އިރު ހަވަނަ މަގާމްގައި އޮތީ 14 ޕޮއިންޓާއެކު އީގަލްސް އެވެ.