ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް  ވޯޓު ދެއްވައިގެން، ގާނޫނުތަކުގެ ބޭރުން ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކާ ދެކޮޅަށް، މިހާރުގެ ސަރުކާރަށް އިތުބާރުނެތްކަން ސާބިތުކޮށްދިނުމަށް އިދިކޮޅު ލީޑަރު އަހުމަދު ތަސްމީން އަލީ ގޮވާލައްވައިފި އެވެ.


އިދިކޮޅު މައި ޕާޓީ، ޑީއާރުޕީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރު އަހުމަދު ތަސްމީން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ، ހަމަ އާއި އުސޫލުން ބޭރުން، މިއަދުގެ ސަރުކާރުން ދެމުންގެންދާ އަނިޔާ އާއި ބިކަހާލަކީ ރައްޔިތުން އެދޭގޮތް ނޫން ކަން ބުނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.


ބުނެވޭ ބަހަކުން، ކުރެވޭ އިޝާރާތަކުން ހިފައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާދީ، މީހާގެ ހަޔާތް ބަރުބާދުކޮށް ނިންމާލި ދުވަސް މާޒީވެ ހިނގައްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާތީ، ރައްދު ދެއްވަމުން ތަސްމީން ވިދާޅުވީ، ކޮންމެ ނަމެއްގައި ނަމަވެސް ސިޔާސީ ބޭނުމަށް ޓަކައި މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ކުރަމުންދާ ކަމަށެވެ.


"އާ ގާނޫނު އަސާސީ އެކުލަވާލުމުގެ ތެރޭގައި ސިޔާސީ ކުށްވެރިންގެ ބައި ވަނީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފޮހެލައިފައި. އެހެންވީމާ ސިޔާސީ ކުށްވެރިންނެއް ނުތިބޭ. ނަމަވެސް މިއަދުގެ ހަގީގަތަކީ އެހެން ނުކީ ނަމަވެސް އެ މަގުސަދު ހާސިލް ކުރުމަށްޓަކައި އެތައް ދިވެހި ރައްޔިތުންނަކަށް އެތައް ބޮޑެތި އަނިޔާ ލިބެމުން އެބަދޭ. ސިޔާސީ ކުށްވެރިންނެކޭ ކިޔާފައި ބަޔަކު ހައްޔަރު ނުކުރި ނަމަވެސް ހިމާޔަތް ދިނުމަށްޓަކައި އަމިއްލަ ސަލާމަތަށް ޓަކައި ސިފައިން ފޮނުވައިގެން، ހަތިޔާރު ހިފައިގެން ސިޔާސީ ބޭފުޅުން ގެންގޮސް ވަކި ރަށެއްގައި ބަހައްޓައި، ވަކި ގޮތަކަށް އުޅެން މަޖުބޫރުކުރޭ. ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ ވިސްނުން ހުންނަ ގޮތުން، މީހުންނަށް ބޮޑެތި އަނިޔާތައް ދެމުން ދަނީ. މަޖިލިސް ތެރޭން ވެސް ވޯޓުލާތާ އެއް ގަޑިއިރުގެ ތެރޭގައި ތެލުގެ ކްރެޑިޓް ކަނޑާލާ،"


އެމްޑީޕީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ތަސްމީން ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ނަޝީދު، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ލިސްޓަކީ ކޮޅުންލާނެ ލިސްޓެއްނޫން ކަމަށެވެ. އަދި ބޮޑެތި ވައުދުތަކެއް ރައްޔިތުންނަށް ފުއްދައިދެއްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާ އިރު، އެ ވައުދުތަކުގެ ތެރެއިން ވަރަށް މަދުކަމެއް ނޫނީ ހާސިލްކޮށްދީފައި ނުވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


"އެއީ ލޯކަލްކައުންސިލް އިންތާބު ކުރިމަތިވެފައި އޮތީމާ ރައްޔިތުންނަށް އޮޅުވާލުމަށް އެމީހުންނަށް ކޮށްދެވިފައިވާ މަދު ކަންކަން އެތައް ގުނައަކަށް ބޮޑުކޮށްލައިގެން ރައްޔިތުންނަށް އޮޅުވާލުމަށް ކުރި މަސައްކަތް. ނަމަވެސް މިހާރު ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. އެތައް ރަށެއްގައި ބަނދަރު ހަދައިދީ ނަރުދަމާ ހޮޅިއާއި އެކި ހޮޅިހޮޅި އަޅައިދޭނެ ވާހަކަ ބުނި. އަދި ސިއްހީ ހިދުމަތް މި ވަނީ ވަޅުޖެހިފައި. ތައުލީމީ ނިޒާމު މިވަނީ ފުނޑުފުނޑުވެފައި. އިންތިޒާމެއް ނެތުމުގެ ސަބަބުން އިގްތިސާދު މި ވަނީ ވަޅުޖަހައިފައި. މިކަންކަމުގެ ސަބަބުން އެތައް ރައްޔިތުންނެއް ވަނީ ބިކަވެފައި. މީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންތައްތަކެއްނޫން. މި ދެ އަހަރުގެ ކުރިއެރުމާއި ތަރައްގީއާ ތިރީސް އަހަރާ ނުބައްދަލޭ ބުނާއިރު، ކުރީގެ ސަރުކާރުން ކަންތައްތަކެއް ކޮށްދީފައި ނުވާ ނަމަ އެބޭފުޅުން ވިއްކައިލާނެ އެއާޕޯޓެއް އޮތީސްތޯ. ވިއްކާލާނެ ދިރާގުގެ ޝެއާއެއް އޮތީސްތޯ. އެހެންވީމަ އެކަންތައްތައް އެކަކު ވެސް ގަބޫލު ނުކުރަނީ،"


ތަސްމީން އަދި ވިދާޅުވީ ޑީއާރުޕީގެ ވެރިކަމެއްގައި ތަފާތު ކުރުންތައް ނުގެންގުޅޭނެ ކަމަށެވެ. އެއްވެސް ކަމެއްގައި ޕާޓީގެ ކުލައަށް ނުވަރަ މީހާގެ ފިކުރަށް ނުބަލާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.