25 Jun 2013, 10:10
ބްރެޒިލްގައި ކުރިއަށްދާ ކޮންފެޑަރޭޝަންސް ކަޕުގެ ސެމީ ފައިނަލަށް އިޓަލީ ހޮވިފައި ވަނިކޮށް، އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީއަށް ލިބުނު އަނިޔާއަކާ ގުޅިގެން މުބާރާތް ނުކުޅެ އެނބުރި އިޓަލީއަށް ހިގައްޖެ އެވެ.
މުބާރާތުގައި ދެ ލަނޑު ޖަހާފައިވާ އުމުރުން 22 އަހަރުގެ ފޯވާޑުގެ ފައިގެ ފަލަމަސްގަނޑުން ތަންކޮޅެއް އިރައިގެންގޮސްފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ބުނެފައި ވެއެވެ. އަދި އޭނާ އަށް އަނިޔާވީ ގްރޫޕް ސްޓޭޖުގައި ބްރެޒިލް އަތުން 4-2 އިން ބަލިވި މެޗުގަ އެވެ.
އިޓަލީގެ ކޯޗު ސެސާ ޕްރަންޑެލީ ބުނީ ބަލޮޓެލީ މުބާރާތް ނުކުޅެ އެބުރި ގައުމަށް ދިޔައީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަށް އިތުރު ފަރުވާ ހޯދުމަށް ކަމަށާއި އަދި މި މުބާރާތުގައި ދެން ބަލޮޓެލީ، ނުފެންނާނެ ކަަމަށެވެ.
"ބަލޮޓެލީ ގައުމަށް ދިޔައީ އޭނާގެ ކުލަބު އިޓަލީގެ އޭސީމިލާނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާގެ ފަޔަށް ފަރުވާހޯދުމަށް. ބަލޮޓެލީ އާއި ޓީމުގެ އެއްވެސް ކުޅުންތެރިއަކާ މައްސަލައެއް ޖެހިގެނެއް ނޫން އޭނަ ދިޔައީ. އޭނާގެ ފަޔަށް ވަނީ ސީރިއަށް އަނިޔާއެއް ލިބިފައި" އިޓަލީގެ ކޯޗު ސެސާ ޕްރަންޑެލީ ބުންޏެވެ.
ކޯޗު ސެސާ ޕްރަންޑެލީ ބުނީ ބަލޮޓެލީ ނެތްތަން ފޫބެއްދުމަށް ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ބަލޮޓެލީއަކީ އިޓަލީ ޓީމުގެ "ސުޕަ ޕްލޭޔާ" ކަމަށެވެ. އަދި ބަލޮޓެލީ ވަނީ ކޮންފެޑަރޭޝަންސް ކަޕުގައި ޖަޕާނާއި މެކްސިއޯއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި ވެސް ގޯލް ޖަހާފައި ކަމަށެވެ. އެހެން ނަމަވެސް ޓީމުގެ ސްކޮޑުގައި އެ މުހިންމު ކުޅުންތެރިޔާ ނެތުމުން ޓީމުގެ ފޯމޭޝަނަށް ބަދަލެއް ގެންނަން މިހާރު ވަނީ މަޖުބޫރު ވެފައި ކަމަށް ޕްރަންޑެލީ ބުންޏެވެ.
ކޮންފެޑަރޭޝަންސް ކަޕުގެ ސެމީ ފައިނަލުގައި އިޓަލީ ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށެވެ. އެ މެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެގަޑިން 00:00ގަ އެވެ. މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މާދަމާރޭ ރާއްޖެގަޑިން 00:00ގައި ނިކުންނާނީ ބްރެޒިލް އާއި އުރުގުއޭ އެވެ.