ދަވްޙާ (ޖޫން 25) : ޤަތަރުގެ އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާ، ވެރިކަން ދޫކޮށްލެއްވުމަށް ފަހު ރިޓަޔަރ ކުރައްވަން ގަސްދު ކުރައްވާ ކަމަށާއި އެކަން މިއަދު އިޢްލާން ކުރައްވާނެ ކަމަށް ޚަބަރު ލިބިއްޖެވެ.

ޤަތަރުގެ ޝާހީ އާއިލާއާ ޙަވާލާދީ އަލްޖަޒީރާ ޓީވީ ން ބުނީ އެގައުމުގެ އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާ އާއި އޭނާގެ ވެރިކަމުގެ ޓީމުގައި ހިމެނޭ ޝާހީ ޢައިލާގެ ބައެއް ބޭފުޅުން ޝާހީ ޢާއިލާގެ އައު ޓީމަކާ ވެރިކަން ޙަވާލުކުރެއްވުމަށް ފަހު ރިޓަޔަރ ކުރައްވަން ނިންމަވައި މިއަދު ހެނދުނު އެކަން އިޢްލާން ކުރައްވާނެ ކަމުގަ އެވެ. ވެރިކަން ދޫކޮށްލެއްވުމަށް ގަސްދުކުރައްވައި އެކަމާބެހޭ ގޮތުން ޝާހީ އާއިލާއާއި އެގައުމުގެ ކަމުވޮށިގެންވާ ފަރާތްތަކާ މަޝްވަރާތައް ކުރައްވަމުން ގެންދަވާތާ ހަފްތާތަކެއް ވެފައިވާ ކަމަށް ވެސް އަލްޖަޒީރާ ބުނެ އެވެ.

ޤަތަރަކީ ވިރާސީ ރަސްކަމުގެ ނިޒާމެއް (އަމީރީ ވެރިކަމެއް) އޮންނަ ގަލްފުގެ ވަރަށް މުއްސަނދި، ވަސީލަތްތައް ގިނަ އެހެންނަމަވެސް އާބާދީއާއި ބިމުގެ ގޮތުން ވަރަށް ކުޑަގައުކެވެ. ޢުމުރުން 61 އަހަރުގެ ޤަތަރުގެ އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާ، އޭނާގެ ވެރިކަމުގެ ބާރުތައް ދަރިކަލުން އަދި ވަލީއުލްޢަހްދު އައްޝައިޚް ތަމީމް ބިން ޙަމަދް އާ ޙަވާލުކުރުމާބެހޭ ގޮތުން ޝާހީ އާއިލާއާ އަދި ގައުމުގެ ކަމުވޮށިގެންވާ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމަވާފައިވާ ނިންމެވުން މިއަދު އިޢްލާން ކުރައްވާނެ ކަމަށް ވެސް އަލްޖަޒީރާ ޓީވީ ބުނެ އެވެ. ޤަތަރުގެ ވެރިކަމުގެ ބާރުތައް، އުމުރުން 33 އަހަރުގެ ވަލީއުލްޢަހްދު އައްޝައިޚް ތަމީމް ބިން ޙަމަދް އާ ޙަވާލުކުރުމާބެހޭ ގޮތުން، އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާ ރައްޔިތުންނާ މުޚާތަބު ކުރައްވައި މިއަދު ދެއްވާ ޚިތާބު ވަރަށް ޚާއްސަވާނެ ކަމަށް ވެސް އަލްޖަޒީރާ ބުނެ އެވެ.

ޤަތަރުގެ ވަލީއުލްޢަހްދު އައްޝައިޚް ތަމީމް ބިން ޙަމަދަކީ އިނގިރޭސިވިލާތުގެ ޝެރްބޯން ސްކޫލުން 1997 ވަނަ އަހަރު ސާނަވީ ތައްލީމާ ޑިޕްލޮމާ ޙާސިލް ކުރެއްވުމަށް ފަހު އިނގިރޭސިވިލާތުގެ ރޮޔަލް މިލިޓަރީ އެކަޑަމީ (ސެންޑްހަސްޓް) އިން ޢަސްކަރީ ދާއިރާއިން މަތީ ތައްލީމް ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާގެ ދެވަނަ ދަރިކަލުންނެވެ.

ޤަތަރުގެ އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާ، އެގައުމުގެ ވެރިކަމަށް އިސްވެ ވަޑައިގެންފައި ވަނީ 1995 ވަނަ އަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު ޝާހީ ޢާއިލާގެ ތެރެއިން ގެންނެވި ލޭއޮހޮރުވުމެއްނެތް އިންޤިލާބެއްގައި އޭނާގެ ބައްޕަ އަދި ޤަތަރުގެ އޭރުގެ އަމީރު ޚަލީފާ ބިން ޙަމަދު މަޤާމުން ދުރުކުރެއްވުމަށްފަހުގަ އެވެ. ޤަތަރަށް ޒާމާނީ ތަރައްގީ އާއި އެގައުމު މިހާރު ދެކޭ މުއްސަނދިކަން އައިސްފައި ވަނީ މިހާރުގެ އަމީރު ޙަމަދް ބިން ޚަލީފާގެ ވެރިކަމުގަ އެވެ. (އަލްޖަޒީރާ)