މިލާނޯ (ޖޫން 25): އަށާރަ އަހަރު ނުފުރޭ އަންހެން ކުއްޖަކާ އެކު ބަދުއަޚުލާޤީ ޢަމަލުތަކެއް ހިންގެވިކަން ޝަރީޢަތަށް ސާބިތުވުމާ އަދި އިތުރު ދެ މައްސަލައަކާ ގުޅިގެން އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި އެގައުމުގެ މުއްސަނދި އެއްމަހުޖަނު ސިލްވިޔޯ ބާލުސްކޯނީ ހަތް އަހަރަށް ޖަލަށްލުމަށް އެގައުމުގެ ޖިނާއީ ކޯޓަކުން ޙުކުމްކޮށްފި އެވެ.

އުމުރުން 76 އަހަރުގެ ބާލުސްކޯނީގެ މައްޗަށް މިހުކުމް އައީ އިޓަލީގެ ނައިޓް ކްލަބްތަކުގައި ނަށަންއުޅުނު މަޣްރިބްގެ އަންހެން ކުއްޖެއް ކަމަށްވާ ކަރީމާއަލްމަޙްރޫޤީ އަށް ދަޢްވާތުދީގެން އޭނާ ގެންގޮސްގެން ފައިސާ ދީގެން އޭނާއާ އެކު އެތައްފަހަރަކު ޖިންސީ ޢަމަލުތައް ހިންގެވިކަމުގެ ކުށުގަ އެވެ. ބާލުސްކޯނީ މިޢަމަލުތައް ހިންގަވާފައިވާ ކަމަށް ވަނީ އޭނާ ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ކަމަށްވާ 2010 ވަނަ އަހަރު އެވެ. އަށާރަ އަހަރު ނުފުރޭ މީހުންނަކީ އިޓަލީގެ ޤާނޫނުގައި ކުޑަކުދިންކަމަށް ބެލެވޭތީ ކުޑަކުދިންނާ އެކު ޖިންސީ ގުޅުންތައް ހިންގުމަކީ އިޓަލީގެ ޤާނޫނުގައި މަނާކަމެކެވެ.

މީގެ އިތުރުން ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ނާޖާއިޒު ގޮތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވުނު ދެ މައްސަލައެއް ވެސް ބާލުސްކޯނީގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. މީގެތެރެއިން އެއް މައްސަލައަކީ ބޮޑުވަޒީރުކަމުގައި ހުންނެވުމުގެ ސަބަބުން ލިބިފައިވާ ޤާނޫނީ ޙިމާޔަތާއި ބާރާއި ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން މިބަދުއަޚްލާޤީ ޢަމަލު ފޮރުވަން މަސައްކަތް ކުރެއްވުމެވެ. އަނެއް މައްސަލައަކީ ބާލުސްކޯނީ ޖިންސީ ގުޅުންތައް ހިންގެވި ކަރީމާ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނިކޮށް މަޤާމުގެ ބާރާއި ނުފޫޒުގެ ބޭނުންކުރައްވައިގެން ޤާނޫނާ ޚިލާފަށް އެއަންހެން ކުއްޖާ މިނިވަންކުރުމަށް ބާލުސްކޯނީ އިޓަލީގެ ފުލުހުންނަށް އަމުރު ކުރައްވާފައިވާ މައްސަލަ އެވެ.

މި ތިން މައްސަލައާ ގުޅިގެން މިލާނޯގެ ކޯޓަކުން އިއްޔެވަނީ ބާލުސްކޯނީ 7 އަހަރަށް ޖަލަށް ލުމަށާއި އިޓަލީގެ ސަރުކާރާއި ދައުލަތުގެ އެއްވެސް މަޤާމެއް ބާލުސްކޯނީގެ މުޅިއުމުރަށް އަދާކުރެއްވުން އޭނާ އަށް މަނާކުރުމަށް ޙުކުމް ކޮށްފަ އެވެ. ނަމަވެސް އިޓަލީގެ ޤާނޫނު ބުނާ ގޮތުން މިފަދަ ޖިނާއީ ޙުކުމްތައް ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުޙަލާ ނިމި އިސްތިއުނާފް ކޯޓުން މިޙުކުމް އަލުން ކަށަވަރުކޮށްދިނުމުންނެވެ. މިކަމަށް އަހަރުތަކެއް ނަގާފާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ދެކެ އެވެ.

ބާލުސްކޯނީގެ މައްޗަށްވަނީ ޖިނާއީ އެހެންމައްސަލައެއް ކަމަށްވާ ޓެކްސް ދެއްކުމުގައި މަކަރު ހެއްދެވި ކަމުގެ ކުށްސާބިތުވެގެން ހަތަރު އަހަރަށް ޖަލަށްލުމުގެ ޙުކުމެއް މިދިޔަ އަހަރު އައިސްފަ އެވެ. ނަމަވެސް އެ މައްސަލައަދި އުޅެނީ އިސްތިއުނާފް މަރްޙަލާގަ އެވެ. (ނޫސްއެޖެންސީތައް)