އެމްޑީޕީ އިން މިރޭ ހެންވޭރުގައި ބޭއްވި ޖަލްސާއެއްގެ ތެރެއަށް އެ ޕާޓިއާ އިދިކޮޅު ޒުވާނުންތަކެއް ވަދެ އިހުތިޖާޖް ކޮށްފި އެވެ.

"ބިޔަ ބޮޑު ހެންވޭރު އެއްބުރުން"ގެ ނަމުގައި ހެންވޭރު ޕާކް ސަރަހައްދުގައި މިރޭ 9:45ގައި އެމްޑީޕީ އިން ޖަލްސާ ފެށުމާ އެކު 15 ވަރަކަށް ޒުވާނުން ވަނީ އެމްޑިޕީއާ ދެކޮޅަށް ލިޔެފަޔެފައިވާ ބޯޑްތަކެއް ހިފައިގެން ވަދެ އިހުތިޖާޖް ކޮށްފަ އެވެ. އެބޯޑްތަކުގައި މައިގަނޑުގޮތެއްގައި ލިޔެފައި ހުރީ އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ތުހުމަތުކުރާ ކަންތައްތަކެވެ.

މިރޭގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ޒުވާނުންތަކެއް ވަދެ އެމްޑީޕީއާ ދެކޮޅަށް އިހުތިޖާޖް ކުރި ނަމަވެސް މާބޮޑު ހަމަނުޖެހުމެއް ހިނގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. އަދި އެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާދީދީ ބަިއވެރިވެ ވާހަކަ ވެސް ދައްކާފައިވެ އެވެ.

މިރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސަން އަށް ފޮނުވި މެސެޖެއްގައި މާރިޔާ ވިދާޅުވީ މިރޭ ހިނގައިދިޔަ ހަމަނުޖެހުންތަކަކީ އެމްޑީޕީން ރިޔާސީ އިންތިހާބް ކާމިޔާބު ކުރާނެކަން ޔަގީން ވުމުން އެ އިންތިހާބަށް ހުރަސްއެޅުއްވުމުގެ ގޮތުން ހިންގާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ޒުވާނުންގެ "ނާޖާއިޒް" ގޮތުގައި އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިރޭ އެމްޑީޕީއިން ބޭއްވި ޖަލްސާ އަށް ހުރަސްއަޅަން މަސައްކަތް ކުރީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއް ކަން އަދި މިހާތަނަށް ނޭނގޭ އިރު ރޭ ވެސް އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅާފަ އެވެ. އެގޮތުން އެމްޑީޕީން މާލޭގައި ރޭ ހުޅުވި ޖަގަހައެއްގެ ބިއްލޫރި ގަނޑު ވެސް ތަޅާލާފައި ވުމުގެ އިތުރުން އެޖަގަހައިގެ ތެރެއަށް ބިސް ވެސް ޖަހާފައިވެ އެވެ.