24 Jun 2013, 23:14
އެމްޑީޕީގެ ސަރުކާރެއްގައި ގދ. ތިނަދޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ތިނަދޫގައި 17 ކިލޯ މީޓަރުގެ މަގު ހަދައިދޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ދިރާސާކުރާ ފަރާތްތަކުން އެރަށުގައި 30 ކިލޯ މީޓަރުގެ މަގު ހެދޭނެ ކަމަށް ބުނަމުންދާ ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އެ 30 ކިލޯ މީޓަރުގެ މަގު ވެސް ހަދައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ތިނަދޫގެ އާބާދީއަށް މިހާރު 2،000 ގޭ ބޭނުންވާ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އޭގެ ތެރެއިން 1،000 ގެ އަޅައިދޭނެ ކަމަށެވެ. އަދި ތިނަދޫގައި ޔުނިވާސިޓީގެ ކޮލެޖުތައް އަޅުއްވައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިނަދޫގެ ތަރައްގީއަށް ޓަކައި އެންމެ ބޮޑަށް ހަމަކަށަވަރުން ވެސް މަސައްކަތް ކުރަންޖެހޭ އެއް މުއައްސަސާއަކީ މިތަނުގެ ކައުންސިލް އިދާރާ. މިއަދަކު އަޅުގަނޑުމެންނަކަށް ނެތް އޯލެވެލް ނިމުނީމާ އެއީ ވަރަށް ރަނގަޅު ތައުލީމެއް ލިބުނީއޭ ބުނެވޭކަށް. މިއަދު އަޅުގަނޑުމެނަކަށް ނެތް އޭލަވެލްއަކުން އެކަނި ފުއްދޭކަށް ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ތިނަދޫގެ ބަނދަރު އެރަށު ރައްޔިތުން އެއްބަސްވާގޮތުގެ މަތިން އެމްޑީޕީގެ ސަރުކާރެއްގައި ތަރައްގީކޮށް ދެއްވާނެ ކަމަށެވެ. އަދި ތިނަދޫ އާއި ހުވަދު އަތޮޅުގައި އިޔާދަކުރަނިވި ހަކަތަކައިގެ ޕްރޮގުރާމްތައް އެމްޑީޕީގެ ސަރުކާރެއްގައި ވަރަށް ބާރަށް ކުރިއަށްގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކިޔަވާ ކުދިން ސްކޯލާޝިޕްގައި ފޮނުވާނެ ކަމަށާއި ތިނަދޫގެ އިންސާނީ ވަސީލަތްތައް ގާއިމްކުރާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.