ބަންޑާރަ ނާއިބް އާއިޝަތު ބިސާމް އާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު އަދި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލައިގައި ޕީޕީއެމްގެ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ފަށާ ފުޓުބޯޅަ މުބާރާތް އިފްތިތާހް ކުރުމަށް "ދިވެހި މަލާފަތް" ރެސްޓޯރެންޓްގައި މިރޭ ބޭއްވި ރަސްމިޔާތު ނިންމާލެއްވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ވަޒީރުނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ސަރުކާރުގައި ހިމެނޭ ޕާޓީތަކާއި އެމަނިކުފާނު ވާހަކަ ދައްކަވާނެ ކަމަށެވެ.

"ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް އަޅުގަނޑު ދަންނަވާނަން އެކަމުގައި އެ ބޭފުޅުން ސަޕޯޓު ދެއްވަން،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް އާއި ސަރުކާރާއި އޮންނަ ގުޅުމާ ބެހޭ ގޮތުން "ގައުމައިގެން ކުރިއަށް ކޯލިޝަންގެ" ރިޔާސީ ކެންޑޭޓު ޑރ. ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބާ ދިމާކޮށް ބޭފުޅުން ވިދާޅުވާ އެއްޗެހި ވިދާޅުވާނެ ކަމަށެވެ. ނަމަވެސް އެންމެ ރަނގަޅުވާނީ އެ ވާހަކަތައް ސީރިއަސްކޮން ނުނެންގެވުން ކަމަށާއި ކޯލިޝަން ދަނީ ރަނގަޅަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދިވެސް ކެބިނެޓްގައި ވެސް އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް އެ ބޭފުޅުން [ޕީޕީއެމްގެ މެންބަރުން] އެބަ ތިއްބެވި. ދެން ވާނެ ގޮތަކީ ރިޔާސީ އިންތިޚާބަކަށް މިހެން އުޅޭއިރުގައި ބައެއް ފަރާތްތަކުން އެއްޗެހިވެސް ވިދާޅުވާނެ. އެހެން ނަމަވެސް މާ ސީރިއަސްކޮށް ނުނެގުން އޭގެ އެންމެ ރަނގަޅު ގޮތަކީ. އަޅުގަނޑު ގަބޫކުރަނީ ކޯލިޝަން މި ދަނީ ރަނގަޅަށް ކަމަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުސްވެފައިވާ ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ދައުރު ނިމުމުގެ ކުރިން ގާބިލް ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށެވެ.

ބަންޑާރަ ނާއިބް އާއިޝަތު ބިސާމް އާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު އަދި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރުމަށް ނިންމާފައި ވަނީ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމާފައި ވަނީ ބަންޑާރަ ނާއިބް ބިސާމް އާއި ޖެންޑާ މިނިސްޓަރު އާޒިމާ އަށް ރުހުން ނުދީ ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަށް ރުހުން ދިނުމަށެވެ.