ފެން ހިންދާ ވަޅުގަނޑެއްގެ ތެރޭ އޮތް ތުއްތު ފިރިހެން ކުއްޖަކު 40 ގަޑިއިރު ފަހުން ސަލާމަތް ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ސްޕެއިންގެ ފުލުހުން ވަނީ އެ ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކޮށްފަ އެވެ.

ޑެއިލީމެއިލްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ ވިހޭތާ ދެ ދުވަސްވެފައިވާ ތުއްތު ފިރިހެން ކުއްޖާ ފެނުނު އިރު އޮތީ ފޫޅުގަޑާއެކު ކަމަށާއި އަދި އެކުއްޖާ ލާފައި އޮތީ ޕްލާސްޓިކް ކޮތަޅެއްގެ ތެރެއަށް ކަމަށެވެ.

ސްޕެއިންގައި ހިންގި އެހާދިސާ ފުލުހުންނަށް ފުރަތަމަ ރިޕޯޓު ކުރީ ފެންހިންދާ ވަޅުގަނޑުގެ ތެރޭ އެއްޗެއް ރޯ އަޑު އިވިގެން އެތާނގެ އެތެރޭގައި ބުޅަލެއް ކަހަލަ އެއްޗެއް ތާށިވީ ކަމަށް ހީކޮށެވެ. އަދި ފަޔަރުން އެ ސަރަހައްދަށް ގޮސް އެކުއްޖާ ސަލާމަތް ކުރިއިރު ގައިގައި ކުދި ޒަޚަމްތަކެއް ހުރިއިރު ކުއްޖާގެ އެއް އަތް ބިންދައިގެން ގޮސްފައިވާ ކަމަށާއި އަދި އެކުއްޖާގެ ހާލު ހޮސްޕިޓަލަށް ގެންދިޔައިރު ފުރަތަމަ ސީރިއަސް ކަމަށް ސްޕެއިންގެ ފުލުހުންނާ ހަވާލާދީ ޑެއިލީމެއިލްގައި ބުނެފައިވެ އެވެ.

ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ މަންމައާ ބެހޭ ގޮތުން ބުނެފައިވަނީ އުމުރުން 26 އަހަރުގެ އެމީހާ އެގޮތަށް ކަންތައް ކުރީ އެކުއްޖާ އެބޯޓުކޮށްލަން ފައިސާ ނުލިބުން ކަމަށެވެ.

ސްޕެއިންގައި ފެން ހިންދާ ވަޅުގަނޑެއްގެ ތެރެއިން ތުއްތު ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގައި ވަނީ ޕައިޕެއްގެ ތެރޭ އޮތް ތުއްތު ކުއްޖަކު ވެސް ސަލާމަތް ކޮށްފަ އެވެ.