03 Nov 2010, 07:18
މިލިއަނަކާ ގާތްކުރާ އަދަދަކަށް ފައިސާ ފޭރިގަނެފައިވާ، ތަފާތު ދެ މައްސަލައެއްގެ ތުހުމަތުގައި ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އިއްޔެ ރެ އާއި އޭގެ ކުރީ ރޭ މާލޭގައި ހިންގި ފޭރުމުގެ އެ ދެ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކީ އިއްޔެ އާއި ރޭގައި ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ ތަފްސީލެއް އަދި ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އޮފިޝަލު ވިދާޅެއްނުވި އެވެ.
ފައިސާތައް ފޭރިގަނެފައި ވަނީ ކޮންތާކުން ކަމެއް ވެސް އޮފިޝަލު ހާމައެއް ނުކުރެއްވި އެވެ.
ސަރުކާރު ބަންދާއި ދިމާކޮށް މާލޭގައި ވައްކަމާއި ފޭރުމުގެ ބޮޑެތި އަމަލުތަކެއް ހިންގަން ބަޔަކު ރާވަމުންދާ ކަމަށާއި ފޭރޭ މީހުންނާ މެދު ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ދާދިފަހުން ވަނީ އިންޒާރުކޮށްފަ އެވެ.
ކުއްލި ގޮތަކަށް ފޭރުން އިތުރުވުމުން ފޭރޭ މީހުންގެ ނެޓްވޯކް މަސައްކަތް ކުރަމުންދާ ގޮތް ފުލުހުން ބަލަން ފަށާފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން މަގުފޭރުން އިތުރުވެފައި ވަނީ އެ މީހުން ހިންގާ ނެޓްވޯކްތަކަށް ބޭނުންވާ ފައިސާ ޖަމާ ކުރުމަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.