އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު ބާއްވާ މިއަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޕިލިޕްސް ބްރޭންޑުން ސްޕޮންސާކޮށްފި އެވެ.

މިސްޓަ މޯލްޑްވިސް ސްޕޮންސާ ކުރުމަށް މިއަދު މެންދުރު ފަހު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓިއޯގެ ފަރާތުން އެ ސްޕޮންސާޝިޕް އެގްރިމަންޓުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން، އާދަމް އާޒިމް އެވެ. އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ފާރާތުން ސޮއި ކުރެއްވީ ރައީސް މާހިދު ޝަރީފެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އާޒިމް ވިދާޅުވީ، ރާއްޖޭގެ ބޮޑީބިލްޑިން ފެޑަރޭޝަންއާއެކު މިކުރެވުނު ސްޕޮންސާއަކީ ފިރިހެނުން ރީތިވާން ބޭނުންކުރާ އެސްޓިއޯގެ ޕްރަޑަކްތައް އިޝްތިހާރު ކުރުމުގެ މަގްސަދުގައި ކުރެވުނު އެގްރިމަންޓެއް ކަމަށެވެ.

ބީބީއެފްއެމްގެ ރައީސް މާހިދު ޝަރީފް ވިދާޅުވީ، މިއަހަރުގެ މުބާރާތް އެސްޓިއޯއިން ސްޕޮންސާ ކުރުމުން އެކުންފުޏަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މިސްޓަމޯލްޑިވްސް މުބާރާތުގައި ޖުމްލަ 15 ބިލްޑަރުން ވާދަކުރާނެ އެވެ. އެބިލްޑަރުން ނަކީ ގިޔާސް އިބްރާހިމް އާއި ޝާހީން އިބްރާހިމް ޑީޑީ(ސާންޓޭ) އާއި 2007 ވަނަ އަހަރު މިސްޓަ މޯލްޑިސްގެ މަގާމް ހޯދި މުހައްމަދު ރަޝީދު (ރަޗޭ) އާއި އަލީ ޝަރީފް (އައްޔަ) އާއި މުހައްމަދު ޒިޔާމް (ޖޯން) އާއި 2011 އަދި 2012 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި އާދިލް މުހައްމަދު(އާދިލް) އާއި އަބްދުލް ހަޝީބް ހުސައިން(ކޯޗް) އާއި 2009 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ހުޝާމް ހަމީދު އާއި އަލި މަނިކު (އައްޔަ) އާއި މުހައްމަދު މޫސާ އާއި ނިހާލް ޒުބައިރު (ނިލޭ) އާއި އިބްރާހިމް އަޖްމަލް (އަޖޭ) އާއި އަލީ އަނަސް (އަނަސް) އާއި 2006 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު އިބްރާހިމް(އައްޕަތާ)، އަދި އަބްދުލް އައްވަލް އެވެ.