24 Jun 2013, 18:26
ކޯޓު އަމުރަކާއި ޚިލާފުވި ފުލުހަކަށް އިންވެސްޓިގޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން ހުވަދުއަތޮޅު އުތުރުބުރީ ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑު ކޮށްފި އެވެ.
ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ބުނީ ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފައި ވަނީ ލާންސްކޯޕްރަލް އިސްމާއީލް އަބްދުﷲ ކަމަށެވެ.
ވިލިނގިލީ ކޯޓުން ބުނީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުކުރެވޭތީ އެ ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެރަށު ސީސަންގޭ މުހައްމަދު ޒާހިރު ހައްޔަރުކޮށްފައި ވަނިކޮށް އެއަތޮޅު ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާ 14 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ގެމަނަފުށީ ކޯޓުގެ އަމުރާއި ޚިލާފަށް އިސްމާއީލް އަބްދުﷲ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ވެސް ވިލިނގިލީ ކޯޓުން ބުންޏެވެ.
ގއ. ވިލިނގިލީ ސީސަންގޭ މުހައްމަދު ޒާހިރުގެ މައްޗަށް ކުރާ ތުހުމަތަކީ މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 5:45 އެހައިކަންހާއިރު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ތުހުމަތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލާންސްކޯޕްރަލް އިސްމާއީލް އަބްދުﷲ ސަސްޕެންޑު ކުރި ކަމުގެ އެއްވެސް މައުލޫމާތެއް ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިހާތަނަށް އަންގާފައި ނުވާކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.