24 Jun 2013, 18:08
ށ.ފަރުކޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދަން ސިމްޑީ ކުންފުނީގެ ހިއްސާ އޮންނަ އަރާމް ޓްރެވަލްސްއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަރާމް ޓްރެވަލްސް އަކީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ފިރިކަލުން އިބްރާހިމް ދީދީ (ސިމްޑީ ޑީޑީ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ 1200 މީޓަރުގެ ރަންވޭއަކާއެކު އެ ރަށުގައި އެއާޕޯޓެއް ހަދަން ސަރުކާރުން ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ހަމައެކަނި އެ ކުންފުނިން ކަމަށެވެ.
"މިއަހަރުގެ ކުރީކޮޅު އެކަމަށް އެ ކުންފުނިން އޮތީ ކުރިމަތިލާފައި. ނަމަވެސް އެކަން ލަސްވެގެން ދިޔައީ އެއާޕޯޓާއެކު ރިސޯޓެއް ހަދަން ހުށަހެޅި ވ. ބޮޑުމޮހޮރާއާ މެދު ގޮތެއް ނުނިމިގެން. ނަމަވެސް މިހާރު އެ ރަށުގެ ބަދަލުގައި ގއ. އިންނަރެހާ ދޭން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ފަރުކޮޅު އެއާޕޯޓާއެކު ރިސޯޓެއް ހަދަން އިންނަރެހާ ދެނީ 50 އަހަރަށް ކަމަށެވެ. އެއީ އެ އަތޮޅުގައި އޮންނަ އެންމެ ހިތްގައިމު އެއް ރަށެވެ.
"އެރަށުގައި އެއާޕޯޓެއް ނުހެދިގެން ރައްޔިތުން ޝަކުވާކުރާތާ ވަރަށް ދުވަސްވެއްޖެ. އެކަން ލަސްވީ ރިސޯޓު ހަދާނެ ރަށަކާ މެދު ގޮތެއް ނުނިމިގެން. ނަމަވެސް މިހާރު އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރިސޯޓެއް ހަދަން ސަރުކާރުން ކަނޑައެޅި ރަށްތަކުގެ ތެރޭގައި ހިމެނޭ ވ. ބޮޑުމޮހޮރާގެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.