24 Jun 2013, 17:25
ޑިއުޓީ ފްރީކޮށް އެތެރެކުރަން އުޅުނު ބަޔޯޑީގްރޭޑަބްލް (ތިމާވެއްޓާ ރަށްޓެހި) ކޮތަޅު ޝިޕްމަންޓެއްގައި، ޕްލާސްޓިކް ކޮތަޅުތަކެއް ވަގަށް އެތެރެކުރަން އުޅުނު މީހަކު 56،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަސްޓްމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭގެ ހުއްދަ ލިބިގެން ބަޔޯޑީގްރޭޑަބްލް ކޮތަޅު ޝިޕްމަންޓް އެތެރެކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ ކޮތަޅު ޝިޕްމަންޓް ގެނައި ފަރާތުން ބަޔޯޑީގްރޭޑަބަލް ކޮތަޅުގެ ގޮތުގައި 1390 ދާގީނާ ޑިކްލެއާ ކުރިއިރު، އޭގެ ތެރެއިން 675 ދާގީނާގައި ހިމެނެނީ ޕްލާސްޓިކް ކޮތަޅު ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޑިއުޓީ ނުދައްކައި ވަގަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރަން އުޅުނު ފަރާތުގެ ނަމެއް ކަސްޓްމްސް އިން ހާމައެއްނުކުރެ އެވެ.
ކަސްޓަމްސް އިން ބުނީ އެ ފަރާތުން އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ޑިއުޓީގެ ގޮތުގައި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ މިހާރު ދައްކާފައިވާ ކަމަށެވެ. އަދި ޑިއުޓީގެ އިތުރުން ޖޫރިމަނާގެ ފައިސާ ވެސް ދައްކާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ ވަގަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރަން އުޅުނު ފަރާތުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އިމްޕޯޓް ޑިއުޓީގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން އެތެރެކުރާ ޕްލާސްޓިކް ކޮތަޅަށް ޑިއުޓީގެ ގޮތުގައި އޭގެ އަގުގެ 400 ޕަސެންޓް ދައްކަން ޖެހެ އެވެ. ނަމަވެސް ބަޔޯޑީގްރޭޑަބްލް ކޮތަޅު ނުވަތަ ތިމާވެއްޓާ ރައްޓެހި ކޮތަޅު އެތެރެކުރުމަށް އީޕީއޭ އިން ހުއްދަ ދިނުމުން ޑިއުޓީ ދައްކާކަށް ނުޖެހެ އެވެ.