މަގުގެ އެއް ފަރާތެއްގައި މަޑުކޮށްގެން އޮތް ޓެކްސީއެއްގައި އެމްއެންޑީއެފްގެ ފަޔާ ލޮރީއަކުން ޖެހި ކާރަށް ގެއްލުން ވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރައްދުން ދުއްވާދިޔަ ފަޔާ ލޮރީއަކާ ޕީޕީއެމް އޮފީސް ކައިރީގައި މަޑުކޮށްގެން އޮތް ކާރުގައި ޖެހި، އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު އެވެ.

އެ ޓެކްސީ ދުއްވަން އިން ޑްރައިވަރު ސަންއާ ވާހަކަދައްކަމުން ބުނީ ފަޔާ ލޮރީ ގޮސް ޓެކްސީގައި ޖެހުނީ ފަހަތުން އެއްޗެއް އަންނާތީ މަޑުކޮށްގެން އޮތްވައި، ކާރު އޮތް ފަޅިއާ ލޮރީ މާބޮޑަށް ކައިރިވުމުން ކަމަށެވެ.

"އަޅުގަނޑު އިނީ ކާރުގައި މަޑުކޮށްލައިގެން. ފަޔާ ލޮރީ އައިސް ޓެކްސީ ޖެހިފައި ކުރިއަށް ދިޔައީ. އޭތި ދިޔައީ ވެސް އެހާ އަވަހަށް ތަނަކަށް ދާކަށް ވެސް ނޫން،" އޭނާ ބުންޏެވެ.

އެ ހާދިސާގެ ސަބަބުން ކާރުގެ އަރިމަތީގައި ވަރަށް ބޮޑަށް ކޫރުން އެޅިފައިވާއިރު، ކާރުގެ އެއް ފުރޮޅު ވެސް ވަނީ ފަޅައިގެން ގޮސްފަ އެވެ.

ސަންގެ ނޫސްވެރިން އެ ސަރައްދު ފޮޓޯ ނަގަން ފެށުމުން ފަޔާ ލޮރީ ދުއްވަން އިން މީހާ ވަނީ ފޮޓޯ ނަގަމުންދާތީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެ މީހުން ހިތް ހަމަ ނުޖެހޭނަމަ ފޮޓޯ ނުނެގޭނެ ކަމަށް ބުނެ އެ ސަރައްދުގައި ހުރި ފުލުހަކު ވަނީ ފޮޓޯ ނުނެގުމަށް ސަަންގެ ނޫސްވެރިންނަށް އަންގައިފަ އެވެ.