24 Jun 2013, 15:59
ފާއިތުވެދިޔަ ވެރިކަމުގެ ތިން އަހަރުގައި ރުއި ރައްޔިތުން، ޕީޕީއެމްގެ ވެރިކަމެއްގައި އެކަން އަލުން ތަކުރާރު ކުރަން ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލް އަނެއްކާ ވެސް ގެއްލުވާލައި، ދިވެހިންގެ ހަރު މުދާ ވިއްކާ ބަޔަކަށް ރާއްޖޭގެ ވެރިކަން ދޭން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލް އަނެއްކާވެސް ގެއްލުވާލައި، އަޅުގަނޑުމެންގެ ހަރު މުދާ ވިއްކާ ބަޔަކަށް ރާއްޖޭގެ ވެރިކަން ދޭކަށް ނުޖެހޭނެ. މާތް ﷲ ގެ އިރާދަފުޅުން، ދިވެހި ރައްޔިތުންގެ 3 އަހަރުގެ ރުއިން އަލުން ތަކުރާރުކުރަން ނުޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަޅުގަނޑުމެންގެ ދަރިންނަށް އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ފުރުސަތު ހޯދައިދޭން އެބަޖެހޭ ކަމަށެވެ. އަދި، ގައުމަށް ވަފާތެރި ދަރިން ތަކެއް ތަރުބިއްޔަތު ކުރަން އެބަ ޖެހޭކަމަށާއި، ދިވެހިންނަކީ ތަހުޒީބު މުޖުތަމައަކަށް ހަދަން އެބަޖެހޭ ކަމަށް ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އުމުރުން ދުވަސްވީ މީހުންނަކީ އަބުރުވެރިކަމާއިއެކީ އުޅެވޭ ބަޔަކަށް ހަދާނެ ކަމަށެވެ. އަދި އަންހެނުންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ހައްގުތަށް ވެސް ޕީޕީއެމްގެ ވެރިކަމެއްގައި ހޯދައިދެއްވާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމްގެ އެ ވަފުދުގެ ބޭފުޅުން މިއަދު މެންދުރު އެ ރަށަށް ވަޑަައިގަތުމުން އެރަށު ޕީޕީއެމްގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ އެވެ.
އެ ޕާޓީން ބުނީ މިލަންދޫއަށް ޓީމުން ކުރި ޒިޔާރަތަކީ މިވަގުތު މުޅި ށ. އަތޮޅަށް އަމާޒުކުރެވިގެން ހިންގަމުންދާ ކެމްޕޭނު ދަތުރެއްގެ ބޮޅެއް ކަމަށެވެ.
އެ ދަތުރުގައި މިލަންދޫގައި އެ ޓީމުން ވަނީ ޕާޓީގެ މެންބަރުންނާ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ޕާޓީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވަނީ ޕާޓީން މިއަދު ސަރުކާރު ހިންގަމުންދާ ކޯލިޝަންގައި ބައިވެރިވި އަދި ކޯލިޝަންގައި މިއަދު ވެސް ދެމިއޮންނަ ސަބަބު ބަޔާން ކުރައްވާފަ އެވެ.
"ފުޅާ ކޯލިޝަންގައި އަޅުގަނޑުމެން މިއަދު މިތިބީ މިއަހަރުގެ ރިޔާސީ އިންތިޚާބާއި ހަމައަށް މި ސަރުކާރު ދަމަހައްޓަން. އެއީ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތް ކަމަށް ޕީޕީއެމްއިން ދެކޭތީ،" އޭނާ ވިދާޅުވި އެވެ.