24 Jun 2013, 15:32
ގދ. ތިނަދޫ ރެސްޓޯރަންޓަކުން މަސްތުވާތަކެތި އަޅާފައި ހުރިމަށް ބެލެވޭ ގިނައަދަދެއްގެ ރަބަރުޕެކެޓު ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ “އަހަންނާނެ ރައްކަލެ ތެނަދޫ” މި ނަމުގައި މިހާރު އެރަށުގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން ރެސްޓޯރަންޓެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ 51 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ތިން ދަޅުގެ އިތުރުން ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.
އެތަކެތި ފެނިފައިވަނީ އެރެސްޓޯރަންޓް ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި ރައްކާކޮށްފައި ހުއްޓާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވަނީބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަައިވަނީ ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 30 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ތިނަދޫ ގެއެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ޕެކެޓަކާ އެކު ބަންގުލަދޭޝްގެ އުމުރުން 20 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ޕެކެޓް ފެނިފައި ވަނީ އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އޭނާ ނިދާ އެނދުގެ ބާލީސް ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.