24 Jun 2013, 15:21
މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް ޓީރެކްސް ބާސްކެޓް ބޯލް ކުލަބް މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ޓީރެކްސްއިން ކާމިޔާބު ކުރީ 64 ޕޮއިންޓު 29 ޕޮއިންޓުންނެވެ.
ރޭ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްއަށް 17 ޕޮއިނޓު ހޯދަދިން ނަޝްފާ އާމިރާ އެވެ.
ޖުމްލަ ތިން ޓީމް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ސިފައިން ވަނީ ޓީރެކްސް އެކަޑަމީއާ ދެކޮޅަށް ކުޅެ 64 ޕޮއިންޓު 39 ޕޮއިންޓުން ބަލިވެފަ އެވެ.
މުބާރާތުގައި މާދަމާ ރޭ 8:30 ގައި ބައްދަލު ކުރާ ދެޓީމަކީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއި ޓީރެކްސް އެކަޑަމީ އެވެ.
އެމްބީއޭއިން ބުނީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މުބާރާތުގައި ވާދަކުރާ ތިން ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭގޮތަށް ކަމަށެވެ.