03 Nov 2010, 06:02
ފުލުހުންގެ އިދާރާ އަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހްޤީޤަށް ހާޒިރުކުރަން ބޭނުންވާ ހަތަރު މީހެއް ހޯދުމަށް އެމީހުންނާ ބެހޭ މައުލޫމާތު ފުލުހުން އާއްމު ކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ރޭ އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި އެ އިދާރާ އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ ހަތަރު މީހުންނަކީ ޏ. ފުވައްމުލައް / ދަޑިމަގު، ލާސާނީގޭ ވިޝާޙް ރަޝާދާއި ހ. ކެމީ ޙަސަން ރަޝީދާއި، ވ. ކެޔޮދޫ / މާފޮޅޭގޭ އިބްރާހީމް ޝިނާން، އަދި ގދ. ވާދޫ / އެންދެރިމާގެ, މުޙައްމަދު ޝިނާން އެވެ. އަދި އެ އިއުލާންގައި ވަނީ އެ މީހުންނާ ބެހޭ ފޮޓޯ އާއި މައުލޫމާތު ވެސް ހިމަނައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓު އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ހަތަރު މީހުންނަކީ ވެސް ފުލުހުންގެ އިދާރާ އަށް ހުށަހެޅިފައިވާ އެއް މައްސަލައަކާ ގުޅިގެން އެކަމުގެ ތަހްޤީޤަށް ބޭނުންވެގެން ހޯދާ މީހުން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވި އެވެ.