ހޮންކޮންގުގެ އެންމެ ބޮޑު އެއާލައިން، ކެތޭ ޕެސިފިކް އެއާވޭސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށަން ހުށަހަޅާފައިވާ ކަމަށް ސިވިލްއޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

ޗީފް އެގްޒެކްޓިވް އޮފިސަރު ހުސެއިން ޖަލީލު ވިދާޅުވީ ކެތޭ ޕެސިކް އެއާލައިނުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެއަށް ޝެޑިއުލް ދަތުރުތަކެއް ފަށަން ކަމަށެވެ.

"ކެތޭ ޕެސިފިކްއަކީ މީގެ ކުރިން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ކުރި އެއާލައިނެއް. ނަމަވެސް މިއީ ޝެޑިއުލް ދަތުރުތަކެއް ފަށަން ހުށަހެޅި ފުރަތަމަ ފަހަރު. އަޅުގަނޑުމެން ވަނީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ބުނެފައި،" އޭނާ ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ އެ އެއާލައިނުން ހުށަހަޅާފައި ވަނީ ހަފުތާއަކު ހަތަރު ދަތުރު ކުރުމަށް ކަމަށެވެ. އަދި އެ ދަތުރުތަކުގައި ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ 330 އޭ ގެ މަތިންދާ ބޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ބެލުމުގެ ދަށުގައި އޮންނަ ވަކި ވެރިކަމެއް ކުރާ ހޮންގްކޮންގުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަމުންދެ އެވެ. އަދި އެތަނުން ރާއްޖެ އަންނަ ގިނަ ޓޫރިސްޓުން މިހާރު ދަތުރުކުރަނީ މެގަ މޯލްޑިވްސް އިންނެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އަދި 150 އަށްވުރެ ގިނަ މަތިންދާބޯޓު އޮންނަ ކެތޭ ޕެސިފިކްގެ ދަތުރުތައް ދުނިޔޭގެ 130 މަންޒިލަކަށް ކުރަމުންގެންދެ އެވެ.

ދާދިފަހުން މެލޭޝިއާގެ މަޝްހޫރު ބަޖެޓް އެއާލައިން، އެއާ އޭޝިއާގެ ދަތުރުތައް ވެސް އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ފަށަން ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވެ އެވެ.