އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިޚާބުގައި އެކޮމެޓީގެ ރައީސް ކަމަށް ދެބޭފުޅަކާއި ނައިބު ރައީސް ކަމަށް ވެސް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އޮލިމްޕިކް ކޮމެޓީގެ އިންތިހާބުގެ 13 މަގާމަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

އެގޮތުން އެމަގާމްތަކަށް ކުރިމަތިލައިފައިވާާ ބޭފުޅުންގެ ނަންތައް އިއުލާން ކުރުމަށް މިއަދު އޮލިމްޕިކް ކޮމެޓީގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއިންތިހާބަށް އުފެއްދި އިންތިހާބާ ބެހޭ ކޮމެޓީން ބުނީ، ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ދެބޭފުޅުންނަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން މުހައްމަދު މާހިދު ޝަރީފް އާއި އެފްއޭއެމްގެ ފަރާތުން މުހައްމަދު ޝަވީދު ކަމަށެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ފަރާތުން އަހުމަދު ހާފިޒް އާއި ސްވިމިން އެސޯސިއޭޝަންގެ ފަރާތުން މުހައްމަދު އަބްދުލް ސައްތާރެވެ.

އެ އިންތިހާބަށް އުފެއްދި އިންތިހާބާ ބެހޭ ކޮމެޓީން ބުނީ، ސެކްރެޓަރީގެ މަގާމަށް ވެސް ދެބޭފުޅަކު ކުރިމަތި ލައްވާފައިވާ ކަމަށާއި އެ ދެ ބޭފުޅުންނަކީ ވޮލީބޯޅަ އެސޯސިއޭޝަންގެ ފަރާތުން މުހައްމަދު ރިޔާޒް އާއި ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އަހުމަދު މަރުޒޫގެވެ. އަދި އިންތިހާބުގައި ޓްރެޒަރާގެ މަގާމަށް ވެސް ދެބޭފުޅަކު ކުރިމަތި ލާފައިވާކަމަށް އެކޮމެޓީން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލި ދެ ބޭފުޅުން ނަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން މުސްތަފާ މުހައްމަދު އާއި ޖިމްނާސްޓިކް އެސޯސިއޭޝަންގެ ފަރާތުން ހުސެއިން ރަޝީދެވެ.

މީގެއިތުރުން އެސްކޯ މެންބަރުންގެ ތެރޭގައި ކެންޑިޑޭޓުންގެ ގޮތުގައި އެސޯސިއޭޝަންގެ ފަރާތުން އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ މަގާމަށް އޮލިމްޕިކް ޓީމުގެ ތެރޭގައި ހިމެނޭ ހަތރު އެސޯސިއޭޝަނަކުން ވަނީ ކުރިމަތިލައިފަ އެވެ. އެ ހަތަރު އެސޯސިއޭޝަންއަކީ އެފްއޭއެމް އާއި ބާސްކެޓްބޯލް އެސޯސިއޭޝަން އާއި ހޭންޑް ބޯލް މޯލްޑިވްސް އަދި ވޮލީ ބޯލްއެސޯސިއޭޝަން އެވެ.

އޮލިމްޕިކް ސްޕޯޓްސްގެ ދެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ އޮލިމްޕިކް އިނީޖުއަށް ސްޕޯޓްސްގައި ހިމެނޭ ހަތް އެސޯސިއޭޝަންގެ ތެރެއިން ހަ އެސޯސިއޭޝަނަކުން ވަނީ ކުރިމަތި ލައްވާފަ އެވެ. އެ އެސޯސިއޭޝަން ތަކަކީ އެތުލެޓިސް އެސޯސިއޭޝަން އާއި ބެޑްމިންޓަން އެސޯސިއޭޝަން އާއި ޖިމްނާސްޓިކް އެސޯސިއޭޝަނުން ނާއި ސްވިމިން އެސޯސިއޭޝަން އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެމަގާމަށް ހަތް އެސޯސިއޭޝަންގެ ތެރެއިން ހަ އެސޯސިއޭޝަނަކުން ވަނީ ކުރިމަތި ލައްވާފަ އެވެ. އެއީ ބޮޑީބިލްޑިން، ކެރަމް އެސޯސިއޭޝަން، ކުރިކެޓް ބޯޑް، ޗެސް ފެޑަރޭޝަން، ނެޓްބޯޅަ އަދި ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

އެސްކޯގައި ހިމެނޭ އަންހެން މެންބަރުންގެ ދެޖާގައަށް ކުރިމަތިލައްވާފައި ވަނީ ހަ އެސޯސިއޭޝަނަކުންނެވެ. އެއީ ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ރަހީމާ އާދަމް އާއި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އާމިނަތު މަލީލާ ސޯލިހް އާއި ބޮޑީބިލްޑިންގެ ފަރާތުން އާމިނަތު ޝާޒްލީން ކެރަމް އެސޯސިއޭޝަންގެ ފަރާތުން އާމިނަތު ނިމާ އާއި ކުރިކެޓް ބޯޑުން އައިޝަތު އަފްރާ މުހައްމަދު އަދި ޗެސް ފެޑަރޭޝަންގެ ފަރާތުން ހައްވާ އަލީ އެވެ.

އިންތިހާބާ ބެހޭ ކޮމެޓީން ބުނީ، މަގާމްތަކަށް ކުރިމަތި ލެއްވި ބޭފުޅުންގެ ކެންޑިޑެސީ އަންނަ އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށާއި މިފަހަރުގެ އިންތިހާބުގައި ވޯޓް ލެވޭ 18 އެސޯސިއޭޝަނެއް އެބޮތް ކަމަށެވެ.

އިންތިހާބަށް އެކުލަވާލި ކޮމެޓީގެ ފަސް މެންބަރުންނަކީ ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު އާއި ލޯޔަރު ހުސައިން ސިރާޖާއި ރާއްޖޭގެ ކުޅިވަރުގެ ގައުމީ އިނާމް ލިބިފައިވާ އަބްދުﷲ އާމިރާއި އެސޯސިއޭޝަންގެ އިންތިހާބު ތަކުގައި މީގެ ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ރެފްރީ އަލީ ސަލީމް އަދި އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރުގެ މަގާމް ހޯދައިފައިވާ އަބުދުލް ހަމީދު އަބުދުލްޣަފޫރު (އައްޑޯ) އެވެ.