24 Jun 2013, 14:55
މިހާރު ފެށިގެން ކުރިއަށްދާ ޕޮލިސް ޔޫތް ޗެލެންޖް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ސްޕޯޓްސް ކްލަބު ރިވަލްސާ އާއި އެފް.އެސް.ސީ އާއި ކްބަލު ރިވާ ސައިޑް އާއި ބީޗް ބޯއީސް މޮޅުވެއްޖެ އެވެ.
ރޭ ޓްރެފިކް ޕޮލިސް ކުރިމަތިން އޮންނަ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބު ރިވަލްސާ މެޗު ކާމިޔާބުކޮށްފައިވަނީ ޔޫ.އެން ފްރެންޑްސް އާއި ވާދަކޮށް 3-2 ންނެވެ. މެޗުގައި ސްޕޯޓްސް ކްލަބު ރިވަލްސާއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު ސިނާން އިބްރާހިމް ރަޝީދު އެވެ. ތިން ވަަނަ ލަނޑު ޖަހައިދީފައިވަނީ ހުސައިން ސަވީލް އެވެ. މިމެޗުގައި ޔޫއެން ފްރެންޑްސް އިން ޖެހި ދެ ލަނޑު ޖަހައިދީފައިވަނީ އިބްރާހިމް ސިނާހު އާއި އަލީ ފަހުމީއެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި އެފް.އެސް.ސީ އާއި ދަ ފުޓްސަލް ޓައުން ވާދަކުރި މެޗު ކާމިޔާބުކޮށްފައިވަނީ އެސް.އެސް.ސީ އެވެ. މި މެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 6-3 ންނެވެ. މިމެޗުގައި އެސް.އެސް.ސީ އިން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ޔާމިން މުހައްމަދު ޖަހައިދިންއިރު އަލީ ޝައިހާން އާއި ހުސައިން މުހައްމަދު ލަތީފް އާއި މުހައްމަދު އިހުސާން ސައީދު އަދި އަހުމަދު މައުސޫމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހައިދީފަ އެވެ.
މިމެޗުގައި ދަ ފުޓްސަލް ޓައުންއިން ޖެހި 3 ލަނޑު ޖަހައިދީފައިވަނީ އަހުމަދު ފިރުޝާން އާއި އަބްދުﷲ ޝަފްވާން ގެ އިތުރުން އަހުމަދު އިރުފާލެވެ. މިމެޗު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެފް.އެސް.ސީ ގެ އަހުމަދު މައުސޫމެވެ.
ރޭ ކުޅުނު ތިން ވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ކްލަބު ރިވާ ސައިޓް މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ ކްލަބު ރިވާ ސައިޓްގެ އަހުމަދު ސިނާނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކްލަބު ރިވާ ސައިޑްގެ މުހައްމަދު މައުރޫފް ހުސައިން އެވެ.
ރޭ ކުޅުނު ހަތަރު ވަނަ މެޗުގައި އެފްސީ ބެންކިއު އާއި ވާދަކޮށް 9-1 ގެ ބޮޑު ތަފާތަކުން ބީޗް ބޯއީސް މެޗު ކާމިޔާބުކުރިއިރު މި މެޗުގައި ބީޗް ބޯއީސް އިން ޖެހި 9 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައިދީފައިވަނީ މެޗު މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު އަހުމަދު ހަލީމެވެ. އަދި ބީޗް ބޯއީސްގެ މުހައްމަދު ހަސަން އަހުމަދު ދެ ލަނޑު ޖަހައިދިފައިވާއިރު އަހުމަދު ނިޒާމް އާއި މުހައްމަދު އަފްޒަލްގެ އިތުރުން އަލީ އައިމަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހައިދީފަ އެވެ. މިމެޗުގައި ބީޗް ބޯއީސް އިން ޖެހި ނުވަ ވަނަ ލަނޑަކީ އެފްސީ ބެންކިއުގެ މުހައްމަދު އަހުމަދުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި އެފްސީ ބެންކިއު އިން ޖެހި ހަމައެނި ލަނޑު ޖަހައިދީފައިވަނީ ސައްދާމް މުހައްމަދެވެ.
މި މުބާރާތަކީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒްގެ އިސްނެންގެވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް އާއި ޕޮލިސް ކުލަބު ގުޅިގެން ކުށްމަދު އަމާން ވެއްޓެއްގައި އުޅުމުގެ ފުރުސަތު ޒުވާނުންނަށް ތަނަވަސްކޮށްދީ، ޒުވާނުންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ ކުޅިވަރުގައި ކުރިއަށް ދިޔުމަށް މަގުފަހި ކޮށްދިނުމުގެ މަގުސަދުގައި ފެށި މުބާރާތެކެވެ.
މުބާރާތުގައި މިރޭވެސް 4 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ 20:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެފްސީ ޒެނިތް އާއި އެލްޓީ ސްޕޯޓްސް އެވެ. މިރޭ 21:00 ގައި ގްރޫޕް ބީގެ އެފްސީ ސްކޫލިއަން އެކްސް އާއި ޒީލް ސްޕޯޓްސް ކުލަބު ވާދަކުރާއިރު މިރޭ 22:00 ގައި ވާދަކުރާނީ ގްރޫޕް އޭގެ ދެ ޓީމް ކަމަށްވާ ޓީމް ފެންސީ އާއި ކްނައިޓް އެފްސީ އެވެ. މިރޭ ކުޅޭ ހަތަރު ވަނަ މެޗުގައި ގްރޫޕް އޭގެ ވޭރު ސްޕޯޓްސް ކުލަބާއި ވޭރު ޖޫނިއާސް ވާދަކުރާއިރު މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 23:00 ގަ އެވެ.