ހަމަހަމަކަމާ އެކު ދެމެހެއްޓެނިވި ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބާރުއަޅައި، ފެނުގެ ވަސީލަތްތަކަށް ލިބޭ ގެއްލުންތަކަށް ޒިންމާ އުފުލަން ޖެހޭގޮތަށް އެކުލަވާލާފައިވާ "ފެނުގެ ބިލު" ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ މަޖިލީހަށް ހުށަހެޅުއްވާފައިވާ އެ ބިލް ބަލައިގަތުމަށް މިއަދު ވޯޓަށް އެހުމުން ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 21 މެންބަރުންނެވެ. އަދި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 26 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ތަރައްގީކޮށް ދެމެހެއްޓުމާއިގުޅޭ އުސޫލްތައް ކަނޑައެޅުން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިދޭ ހައްގުތައް ކަނޑައެޅުން ކަމަށެވެ.

ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ ފެނާއި ނަރުދަމޭގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ވަކި ގާނޫނެއް އޮންނަން ނުޖެހޭ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

އެފަދަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ފެނާއިނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ދެއްކުން ކަމަށް ވެސް ވިދާޅުވި އެވެ.

ބިލައް ތާއިދު ކުރައްވާ ވާހަކަދައްކަވަމުން ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ވިދާޅުވީ އެ ބިލަކީ ރާއްޖެއަށް ވަރަށް މުހިންމެ ބިލެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ އުސޫލްތައް ކަނޑައަޅައި ރާއްޖޭގެ ފެންފަށަލަ ރައްކާތެރި ކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ދެވޭނީ އެކަމަށްޓަކައި ވަކި ގާނޫނެއް ހަދައިގެން ކަމަށް ވެސް ސަރުކާރަށް ތާއިދު ކުރާ މެންބަރުން ވިދާޅުވި އެވެ.

ފެނުގެ ބިލުގައިވާ ގޮތުން ބޯން ބޭނުންކުރާ ފެން އުފައްދާ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އެތަންތަނާ ބެހޭ މައުލޫމާތު ދަފްތަރުކޮށް ބެލެހެއްޓުމާއި ފެނާއި ނަރުދަމާގެ ނިޒާމްތައް ރަޖިސްޓްރީކޮށް، އެ ތަންތަނާ ގުޅޭ މައުލޫމާތު ދަފްތަރު ކުރުމަކީ ކަމާ ބެހޭ ޚާއްސަ އެޖެންސީގެ ޒިންމާއެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ކޮންމެ ފަރުދަކަށް ބޯ ފެނުގެ ގޮތުގައި ދުވާލަކަށް ބޭނުންވާ އަސާސީ މިންވަރު ކަނޑައެޅުމަކީ ވެސް އެޖެންސީގެ ޒިންމާއެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ފެނާއި ނަރުދަމާގެ ކަންތައްތައް ބަލަހައްޓައި ހިންގުމުގެ މަސްއޫލިއްޔަތު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާ ހަވާލު ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ. އެ މަސްއޫލިއްޔަތު ކައުންސިލްތަކާ ހަވާލު ކުރާނީ އެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ކައުންސިލްތަކުން ތަނަވަސްވެފައިވާކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށާއި އެ މަސައްކަތްތައް ކައުންސިލްތަކާ ހަވާލު ކުރާނީ ކަމާބެހޭ މިނިސްޓްރީ އާއި އެޖެންސީއާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ބިލުގައި ބުނެ އެވެ.

ފެނުގެ ބިލް ބުނާ ގޮތުން ބިމުގެ ފެންފަށަލައަކީ ހިމާޔަތް ކުރެވިފައިވާ އެއްޗެކެވެ. ހިމާޔަތްކޮށްފައިވާ ފެންފަށަލައަކީ ހަމައެކަނި ދަނޑުވެރިކަން ފިޔަވައި ސިނާއީ އެހެން މަސައްކަތްތަކާއި ފަތުރުވެރިކަމަށް ދޫކުރެވޭ ފަޅު ރަށްރަށާއި އެފަދަ ރަށްރަށަށް އިތުރުކުރެވޭ ބިމުގެ ސަރަހައްދުތަކާއި ފަޅު ހިއްކައިގެން އެފަދަ ރަށަކަށް އިތުރުކުރެވޭ ސަރަހައްދުތަކެވެ. މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި އެހެން ރަށްތަކުގެ ފެންފަށަލައަކީ ހިމާޔަތްކޮށްފައިވާ އެއްޗެއް ކަމަށް ބިލުގައި ބަޔާންކުރެ އެވެ.