ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފި އެވެ.

ސަންއާ ވާހަކަ ދައްކަވަމުން އެ ބޯޑުގެ ޗެއާމަން މުހައްމަދު އަމްޖަދު މިއަދު ވިދާޅުވީ ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޑުތަކަށް މެމްބަރުން އައްޔަންނުކުރެވި ލަސްވަނީ އުސޫލް ކަނޑައެޅުމުގެ މަސައްކަތްކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އުސޫލްތައް ކަނޑައެޅުމުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި. އަދި އެ އުސޫލްތައް ކަނޑައެޅުމަށް ފަހު އަޅުގަނޑުމެން ޖެހޭނެ މިތަނުގެ ބޯޑަށް ހުށަހަޅައި ފާސްކުރަން. އެކަންތައް ދެން މާގިނަ ދުވަހެއް ނުވެ ކަނޑައަޅައި ނިމޭނެ،" އަމްޖަދު ވިދާޅުވި އެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މިވަގުތު ބޯޑު މެމްބަރުން އައްޔަންކުރަން ޖެހެނީ ކިތައް ކުންފުންޏަށް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

"އަޅުގަނޑުމެން މިގެންދަނީ ބަލަމުން ބޯޑު މެމްބަރުން އައްޔަންކުރަން ޖެހެނީ ކޮން ކުންފުނިތަކަކަށްތޯ. އެކަން މީގެ ކުރިން ކޮށްފައި ވަނީ ރައީސް އޮފީހުން ކަމަށްވާތީ އެ މައުލޫމާތުތައް ހުރީ އެތަނުގައި. އެހެންވެ އެ މައުލޫމާތުތައް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިޔަށް ގެންދާނަން،" އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރައިވެޓައިޒޭޝަން ބޯޑު އެކުލަވާލުމަށް ފަހު މިހާތަނަށް އައްޔަންކުރީ ހަމައެކަނި އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު ކަމަށެވެ.

ދައުލަތުގެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ލިބިފައި ވަނީ ޕްރައިވެޓައިޒޭޝަން ބޯޑަށެވެ. މީގެ ކުރިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އަމްޖަދު ވިދާޅުވީ އެ ބޯޑުގެ މެމްބަރުން ރައީސް އައްޔަންކުރުމާ ގުޅިގެން ބޯޑުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންދީފައެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް ރުހުން ލިބެންދެން މަސައްކަތްކުރިޔަށް ގެންދާނަން. ރުހުން ނުލިބިއްޖެ ނަމަ ދެން އެ ހިސާބުން ނިމުނީ ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.