ރާއްޖޭގެ އިންފްލޭޝަން ރޭޓް މޭމަހުގެ ނިޔަލަށް، އަހަރު ދުވަހުގެ ތެރޭގައި 6.60 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން މިއަދު އާންމު ކޮށްފައިވާ މޭ މަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ވަނީ 6.60 ޕަސެންޓް މަތިވެފަ އެވެ. މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އިންފުލޭޝަން ރޭޓް ހުރީ 4.38 ޕަސެންޓްގައެވެ.

ހަމައެކަނި މޭމަހަށް ބަލާއިރު އިންފުލޭޝަން ހުރީ 0.10 ޕަސެންޓް މަތީގައެވެ.

މިދިޔަ މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް މައްޗަށްގޮސްފައިވާ ބައިތަކަށް ބަލާ އިރު ކާބޯތަކެތީގެ ބައިން ވަނީ 15.37 ޕަސެންޓް މައްޗަށް ގޮސްފައެވެ. އޭޕުރީލް މަހުގެ ނިޔަލަށް އެބައިން އަހަރު ދުވަހުގެ ތެރޭގައި ބޮޑުވެފައިވަނީ 7.30 ޕަސެންޓްއެވެ. އަދި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްގެ ބައިގެ އިންފްލޭޝަން އަހަރު ދުވަހުގެ ތެރޭގައި 15.84 ޕަސެންޓް މައްޗަށް ގޮސްފައިވައިރު އޭޕުރީލް މަހުގެ ނިޔަލަށް އެބައިން އަހަރު ދުވަހުގެ ތެރޭގައި މައްޗަށް ގޮސްފައވަނީ 15.69 ޕަސެންޓް އެވެ.

މޭ މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ދުންފަތުގެ ބައިން 2.80 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު ކުޅިވަރާއި ސަގާފީ ކަންތައްތަކުގެ ބައިން ވެސް ވަނީ 2.09 ޕަސެންޓް ދަށަށް ގޮސްފަ އެވެ.