24 Jun 2013, 13:47
މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ދަށު ކޯޓުތަކުން ކުރާ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ދޭންޖެހޭނީ ދަންޖައްސައިގެން ކަމަށް ކަނޑައަޅައި، މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 18 މެންބަރުންނެވެ. އަދި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއެްވާފައި ވަނީ 26 މެންބަރުންނެވެ.
އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ގޮތަށް ސަރުކާރުން އެކުލަވާލައިފައިވާ ބިލުގެ ޑްރާފްޓް އާންމުގެ ހިޔާލަށް ހުޅުވާލާފައި ވަނިކޮށް، "މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލެއް" މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ރިޔާޒު ވިދާޅުވީ ކޯޓުތަކުން މަރުގެ އަދަބު ކަނޑައަޅަމުންދާ އިރު، މަރުގެ އަދަބު ތަންފީޒު ކުރާނެ ގޮތެއް ރާއްޖޭގައި ނެތް ކަމަށާއި މަރުގެ އަދަބު ތަންފީޒުކޮށްގެން ރާއްޖޭގައި އާންމުވެފައިވާ މީހުން މެރުމުގެ މައްސަލަތައް ހުއްޓުވުމަށް ގެނައުމުގެ ބޭނުމުގައި އެ ބިލް ހުށަހެޅުއްވީ ކަމަށެވެ.
ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނެވެ. އެ މެންބަރުން ވިދާޅުވަމުން ގެންދެވީ ކީރިތި ގްރުއާނުގައި ބަޔާންކޮށްފައިވާ ގޮތަށް ހައްގަކާ ނުލައި މީހަކު މަރައިފި މީހެއްގެ މައްޗަށް މަރުގެ އަދަބުދޭނެ އުސޫލުތަކާއި ހަމަތައް ދީނުގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނުގެ ދަށުން މަރުގެ އަދަބުދޭނެ އުސޫލެއް ކަނޑަނޭޅޭނެ ކަމަށެވެ.
ބިލުގެ ބަހުސްގެ މަރުހަލާގައި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގު ވިދާޅުވީ "މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލު" މަޖިލީހަށް ހުށަހެޅުއްވީ "ކަންދެއްކުމަށް" ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިން ތަންފީޒީ މަރުހަލާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލްގެ ބަހުސް މަރުހަލާގައި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ދީނުގައިވާ ހުކުމްތައް ތަންފީޒު ކުރުމަށް ހަރުދަނާ ގާނޫނުތަކެއް ބޭނުންވާ ކަމަށާއި ނަމަވެސް ޝަރީއަތުގެ ނިޒާމާ މެދު "ޝުބުހައެއް" އުފެދިފައިވަނިކޮށް "މީހަކު މަރުވާން ވޯޓެއް ނުދެއްވާނެ" ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއާ މެދު ޝައްކަތް ނެތް ވިންވަރަށް ޔަގީންކަން އުފެދުނު ދުވަހަކުން އެފަދަ ގާނޫނުތައް ވޫޖޫދު ކުރުމަށް ވޯޓު ދެއްވާނެ ކަމަށް ކާނަލް ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުގެ ވޯޓެއް ލައިގެން ދިވެހިރާއްޖޭގެ ރައްޔިތަކު މަރަން ހުއްދަދޭން އަޅުގަނޑު ވޯޓު ލުމުގެ ކުރީގައި އަޅުގަނޑު ވިސްނަން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި... މާތްވެގެންވާ އިސްލާމް ދީނުގައި ހުކުމްފުޅުތައް ކަނޑައަޅާފައި ވަނީ ސަބަބުތަކަށްޓަކައި ވަކިކަންތައްތަކެއް ހިމާޔަތް ކުރުމަށްޓަކައި. މުދަލާއި ފުރާނަޔާއި ދީނާއި ދަރިފަސްކޮޅާއި އަބުރާ މިދެންނެވި ކަންކަން ހިމާޔަތް ކުރުމަށްޓަކައި. އެކަންތައްތައް ހިމާޔަތް ނުވާނޭ ގޮތަކަށް އަޅުގަނޑުމެންގެ ތެރޭގައި ހެދޭ ގާނޫނަކަށް އަޅުގަނޑު ލާ ވޯޓެއްގެ ސަބަބުން މީހެއް މަރުވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނޫން،" ކާނަލް ވިދާޅުވި އެވެ.
ރިޔާޒު ރަޝީދު ހުށަހެޅުއްވި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލުގައި ބުނެފައިވާ ގޮތުން މަރުގެ ހުކުމެއްގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައިފި 45 ދުވަހު ތެރޭގައި އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަންޖެހެ އެވެ. ދަންޖައްސާ މީހާ އަށް ހައްގުތަކެއް ލިބިގެންވާ ކަމަށް ބިލުގައި ބުނެ އެވެ. އެއީ އެ މީހަކު ދަންޖެއްސުމުގެ ކުރިން އެ މީހެއްގެ އާއިލާ އާއި ބައްދަލުކޮށް ބުނަން ބޭނުންވާ އެއްޗެއް ބުނުމާއި ކުރަން ބޭނުންވާ ވަސިއްޔަތެއް ކުރުމުގެ ފުރުސަތު އެ މީހަކަށް ދެވޭނެ ކަމަށް ބިލުގައިވެ އެވެ.
މީހަކު ދަންޖައްސައި، މަރަން ވާނީ ވަކި ބައެއްގެ ހާޒިރުގައި ކަމަށް ބިލުގައި ބުނެ އެވެ. އެއީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެޕިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް)އިން ކަނޑައަޅާ ޑޮކްޓަރަކާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރެއްގެ އިތުރުން ދަންޖައްސާ މީހާގެ ވާރިސެކެވެ. ދަންޖައްސާ އިރު ވާސިރު އެތަނަށް ހާޒިރުވުމަކީ އިހްތިޔާރީ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.