އއ. ތޮއްޑޫ އިން ގޯތިދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

އއ. އުކުޅަހު ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު މުއާވިޔަތު ގާސިމް ސޮއިކުރައްވައި ރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ގޯތި ދޫކުރުމުގައި ތޮއްޑޫ ކައުންސިލުން އަމަލުކުރަމުން ގެންދަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވާގޮތަށް ކަމަށް ބުނެ އެރަށު މީހަކު އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު ތޮއްޑޫ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެރަށުން ގޯތިދޫކުރުމަށް ނިންމާފައިވާ ނިންމުމަށް އެއްވެސް މުއާމަލާތެއް ނުކުރުމަށް ތޮއްޑޫ ކައުންސިލަށާއި އެރަށުން ގޯތި ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށް ތޮއްޑޫ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވެއެވެ.

ކޯޓުން އެފަދަ އަމުރެއް ނެރެފައިވާ އިރު މިދިޔަ އާދީއްތަ ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެކަމާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ އެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ތޮއްޑޫ ކައުންސިލަށް އަންގާފަ އެވެ.

ތޮއްޑޫ އިން ވާހަކަދެއްކި މީހަކު ބުނީ ގޯތިދޫކުރުމަށް 2011 ވަނަ އަހަރު ކައުންސިލުން އިއުލާން ކުރުމުން އޭސީސީ ގެ އެންގުމަށް އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ބުނީ އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ގޯތި ލިބޭނެ ފަރާތްތަށް ކަނޑައަޅާފައި ވަނީ އޭސީސީން ކައުންސިލަށް އަންގާފައިވާ އެންގުމުގައި ބުނެފައިވާގޮތާއި ޚިލާފަށްކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އޮންނާނެކަމަށް ކައުންސިލުން އަންގާފައި ވަނިކޮށް އެކަން ހުއްޓާލުމަށް އޭސީސީން އެ ކައުންސިލަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭސީސީގެ އެންގުމުގައި އިއުލާން ކުރުމަށް ފަހު ޝަކުވާ ހުށަހެޅުމަށް ރަސްމީ 10 ދުވަސް ދިނުމަށް އަންގާފައިވަނިކޮށް އެ އެންގުމަށް ބެލުމެއްނެތި މި މަހުގެ 19 ވަނަ ދުވަހު ގުރުއަތުލުން ބާއްވައި ގޯތި ލިބޭ 100 މީހުންނަށް ގޯތި ލިބުނުކަމުގެ ލިޔުމާއި އެއްބަސްވުން ހަވާލުކޮށްފައިވާކަމަށް ވެސް އޭނާ ބުނެޏެވެ.

އޭސީސީގެ އެންގުމާ ޚިލާފަށް ގުރުއަތު ނެގުމުގެ ކަންކަން ގެންގޮސްފައިވަނިކޮށް ގެވަޅު ދޫކުރުމުގެ ކަންކަން ކުރިޔަށް ނުގެންދިއުމަށް އޭސީސީން އަނެއްކާވެސް ތޮއްޑޫ ކައުންސިލަށް އަންގާފައިވާކަން ވެސް ސަން އަށް ވަނީ އެނގިފަ އެވެ.